18 Jul 2020, 08:23
ބޮލީވުޑްގެ ކާމިޔާބު ތަރި ރަންބީރު ކަޕޫރާ ވައްތަރު ކަމަށް ބުނާ މޮޑެލް ޖުނައިދު ޝާހް،28، މަރުވެއްޖެ އެވެ.
މޮޑެލް ޖުނައިދު މަރުވީ ކާޑިއޭކް އެރެސްޓެއް އައިސްގެން ކުއްލި ގޮތަކަށެވެ. ކަޝްމީރުގެ ނޫސްވެރިޔާ ޔޫސުފް ޖަމީލު ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ކުރީގެ އަވަށްޓެރިޔާ ޖުނައިދަށް ކާޑިއޭކް އެރެސްޓެއް އައިސްގެން ބުރާސްފަތި ދުވަހުގެ ރޭ މަރުވެފައިވާ ކަމަށެވެ. އަދި އޭނާ އަކީ އެއްވެސް ކަމަކަށް ބޮޑު ފަރުވާއެއް ކުރަމުން އަންނަ މީހެއް ނޫން ކަމަށާއި ހިތުގެ މައްސަލައެއް ވެސް އޭނާގެ ކުރިން ނުހުންނަ ކަމަށް ޔޫސުފް ވަނީ ބުނެފަ އެވެ.
އާންމުންގެ މެދުގައި ޖުނައިދު ޝާހް މަގްބޫލުވެގެން ދިޔައީ ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރާ ވައްތަރުކަމަށް ދެކެވުނު ވާހަކަތަކުގެ ސަބަބުންނެވެ. ރަންބީރު ކަޕޫރުގެ ބައްޕަ ރިޝީ ކަޕޫރު 2015 ވަނަ އަހަރު ކުރި ޓުވީޓެއްގައި ބުނީ ޖުނައިދު ރަންބީރާ ވަރަށް ވައްތަރު ކަމަށެވެ. އަދި ޖުނައިދު އަކީ ރަންބީރުގެ ޑަބަލްއެއް ކަމަށް ވެސް ރިޝީ ވަނީ ބުނެފަ އެވެ.