އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑުން އެކުލަބަށް ކުޅޭ ބަލްގޭރިޔާ ފޯވާޑް ޑިމިޓްރީ ބާބަޓޯވް ބޭނުންވާކަމަށް އޭނާ ބުނެފި އެވެ. ފަހަކަށް އައިސް ބާބަޓޯވް ދައްކަމުން އަންނަ ކުޅުމާއި އެކު އެކުލަބުން ވަނީ އޭނާ އަށް އެއް އަހަރުގެ އެއްބަސްވުމެއް ވެސް ހުށަހަޅާފަ އެވެ.

ގިނަ ދުވަސްތަކެއްގައި ބެންޗުގައި މެންޔުނައިޓެޑްގެ ބެންޗުގައި ބޭންދުމަށް ފަހު، އޭނާ އަށް ވަނީ ފުރަތަމަ އެގާރައަށް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ. އަދި އެ ފުރުސަތުގެ ބޭނުން ބާބަޓޯވް ދަނީ އެންމެ ރަނގަޅު ގޮތުގައި ހޭދަކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ކުޅުން ތިން މެޗުން ބާބަޓޯވް ވަނީ ހަލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ވިގަން އާއި ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކެއް ހަދައި، ބްލެކްބާން އަތުން 3-2 ލަނޑުން ބަލިވި މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްފައި ވެއެވެ.

ބާބަޓޯވް އަށް އެއްއަހަރު ދުވަހުގެ އެއްބަސްވުމެއް ހުށަހަޅާފައިވާ ކަމަށް އެކުލަބުގެ ކޯޗު ސާ އެލެކްސް ފާގަސަން ޔަގީންކޮށްދިނީ ބެލްކްބާން އާއި ދެކޮޅަށް ކުޅެ ބަލިވި މެޗުގެ ކުރިން އޮތް ނޫސް ކޮންފަރެންސެއްގަ އެވެ.

"ބައެއް ކްލަބުތަކަކުން އަހަރެންނަށް ޝައުގުވެރިވެޔޭ ކިޔައިގެން ދޮގު ވާހަކަތަކެއް ވެސް ފެތުރިގެންދޭ. ސީޒަން ފެށުމުގެ ކުރިން ވެސް އަހަރެން ބޭނުންވާ ވާހަކަ ކުލަބުން ބުނި. އެކަމާއި މެދު އަހަރެން އުފާކުރިން. އަދި މިހާރު ވެސް މިހިރީ އުފަލާއެކު. އަހަރެން އަބަދުވެސް ބޭނުންވަނީ ފުރަތަމަ އެގާރާއިން ޖާގަ ހޯދައި މޮޅު ކުޅުމެއް ދައްކަން." ބާބަޓޯވް ބުންޏެވެ.

ބާބަޓޯވް އަކީ ދެއަހަރު ދަވަހު ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅުމަށްފަހު 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 30.75 މިލިޔަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ކުޅުންތެރިއެކެވެ. ބާބަޓޯވް ވަނީ މެންޔުނައިޓެޑަށް ކުޅުނު 107 މެޗުން 47 ލަނޑު ކާމިޔާބު ކޮށްދީފައެވެ.