އައިލެންޑް އެކްސްޕާޓުގެ އެތައް މުވައްޒަފުންނަކަށް އަށް މަހުގެ މުސާރަ ނުދެވި ގިނަ ދުވަސް ވުމުގެ ސަބަބުން މުޒާހަރާކޮށް ހަމަނުޖެހުން ހިންގާ ހިސާބަށް ކަންތައް މިވަނީ ގޯސްވެފަ އެވެ. އެންމެ ފަހުން މިދިޔަ އެ ކުންފުނީގެ ބިދޭސީ މުވައްޒަފުންގެ ރުޅިގަނޑު ފަޅައިގެން ގޮސް، މުޒާހަރާއަށް ނިކުމެ ފުލުހުންނާ ވެސް ކުރިމަތިލީ އެވެ. މި މައްސަލަ އެންމެ ފަހުން މި ވަނީ ބޮޑު ހާޖާނަކަށް ބަދަލުވެފަ އެވެ.

ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އަނޮން ސޮންގްޕަންޔާ "ސަން" އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ޔަގީންކަން ދެއްވި މި މަހުގެ ނިޔަލަށް އެމީހުންގެ މުސާރައިގެ ކަންކަން ހަމަޖެއްސޭނެ ކަމަށެވެ. އޭނާ ބުނާ ގޮތުގައި އެއީ މާކަބޮޑު ކަމެއް ނޫނެވެ.

އެކަމަކު މައްސަލައަކަށް ދިމާވީ، ކޮވިޑުގެ ސަބަބުން ވިޔަފާރި މުޅިން މަޑުޖެހިފައިވާތީ އާމްދަނީ ވަންނަން އެއްވެސް ގޮތެއް ނެތުން ކަމަށް އަނޮން ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު މަސައްކަތްކުރަމުން ދަނީ ކުންފުނީގެ ރައުސުލްމާލު ވިއްކައިގެން ވެސް މުވައްޒަފުންނަށް ދޭން ޖެހޭ ފައިސާ ހޯދުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އަނޮން ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް ޖުމްލަ 13 މިލިއަން ރުފިޔާ ކުންފުނީގެ ފަރާތުން ދޭން ޖެހޭނެ އެވެ. އެއީ ދެ ތިން މަހުގެ މުސާރަ ކަމަށެވެ.

"އެންމެ ފަހުގެ ހިސާބުތަކުން ޖުމްލަ 13 މިލިއަން ރުފިޔާ އަދާކުރަން ޖެހޭ ބިދޭސީ މުވައްޒަފުންނަށް. އެއީ ގިނަ ވެގެން 2-3 މަހުގެ މުސާރަ،" އަނޮން ވިދާޅުވި އެވެ.

އައިލެންޑް އެކްސްޕާތުގެ މެނޭޖިންގް ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ (ވ). -- (ފޮޓޯ/އައިލެންޑް އެކްސްޕާޓު)

އެހެންނަމަވެސް މުވައްޒަފުންގެ ފަރާތުން އިވެނީ އެހެން ވާހަކައެކެވެ. އެމީހުން މުޒާހަރާއަށް ނިކުންނަން ޖެހުނީ ޖެނުއަރީ މަހުން ފެށިގެން މުސާރަ ނުދޭތީވެ ކަމަށެވެ.

"ކޮމްޕެނީއިން އެއިޓް [އަށް] މަސް ވަނީ މިހާރު މުސާރަ ނުދެނީ،" ޖުލައި ހަ ވަނަ ދުވަހު އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މަސައްކަތްތެރިއަކު "ސަން" އަށް ކިޔައިދިނެވެ.

"މިހާރު ދެން މުސާރަ ނުލިބެނީ، ދެން މިކޮޅު މަސައްކަތްކުރުން ބޭކާރު. ދެން ރަށަށް ދެވެނީ، މިހެން ވައިލެންޓްވީމަ. ޑީޕޯޓުކުރަނީނު؟ ހައްޔަރުކުރަނީމަ؟،" އައިލެންޑް އެކްސްޕާޓުގެ އެހެން ބިދޭސީއަކު މި މަހުގެ 13 ވަނަ ދުވަހު "ސަން" އާ ވާހަކަދައްކަމުން ބުންޏެވެ.

މިފަދަ މައްސަލަތަކުގައި ބިދޭސީންގެ ހައްގުތައް ހޯދުމަށް ވަކާލާތުކުރާ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ބިދޭސީން ގެންގުޅޭ ބައެއް ކުންފުނިތަކުން ބޭނުންކުރާ އުކުޅެކެވެ.

ފައިސާ ނުދެވެމުން ނުވަތަ ނުދިނުމަށް ހަމަނުޖެހުން ހިންގާ ފަރާތްތައް ޑީޕޯޓުކުރުމުން އަދާކުރަން ޖެހޭ ފައިސާއިން ކުންފުނި ސަލާމަތްވެ އެވެ.

މިއީ ކުންފުނީގައި މުސާރަ ދޭނެ ފައިސާ ނެތުން ނުވަތަ ފައިސާ ނުދީ ވަގުތު އިތުރު ކުރަން ނުވަތަ ފައިސާ އެއްގޮތަކަށް ވެސް ނުދިނުމަށް ބޭނުންކުރާ އުކުޅެކެވެ.

ޖުލައި 13 ވަނަ ދުވަހުގެ މުޒާހަރާއިން ފެނިގެން ދިޔައީ ބިރުވެރި މަންޒަރުތަކެކެވެ. ގޮތެއްނެތިފައި ތިބި ބިދޭސީން ބިރަކާއި ނުލައި ފުލުހުންނަށް ހަމަލާ ދޭ ތަނެވެ. މިހާރު އެމީހުން ބޭނުންވަނީ ހަމަނުޖެހުން ހިންގައިގެންވެސް މުސާރަ ހޯދަން ނޫނީ އެނބުރި ގައުމަށް ދާށެވެ.

އައިލެންޑް އެކްސްޕާޓުގެ މެނޭޖިންގް ޑިރެކްޓާ އަނޮން ވިދާޅުވި ވާހަކަތަކުން އެނގޭ އެއް ކަމަކީ ކުންފުނިން އަދާކުރަންޖެހޭ 13 މިލިއަން ރުފިޔާ އަކީ އެ ކުންފުންޏަށް މާ ބޮޑު އެއްޗެއް ނޫންކަމެވެ.

ސަބަބަކަށް ވަނީ ކުންފުނީގެ ފަރާތުން އެތައް ސަތޭކަ މިލިއަން ރުފިޔާގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ނިންމައި ރާއްޖޭގައި އޮޕަރޭޓްކުރާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް އެއްވެސް ބޭންކަކުން ލޯނެއް އެއްޗެއް ނަގާފައި ނުވާތީ އެވެ.

"ދިހަ އަހަރު ވަންދެން ރާއްޖޭގައި މަސައްކަތްކޮށްފިން، 100 މިލިއަން ރުފިޔާގެ އަގުހުރި ތަންތަން އެބަ ހުރި ކުންފުނިން ހަދާފައި،" އަނޮން ވިދާޅުވި އެވެ.

ހުޅުމާލޭގައި ޖުލައި 13 ވަނަ ދުވަހު އައިލެންޑް އެކްސްޕާތުގެ ބިދޭސީ މަސައްކަތްތެރިން ކުރި މުޒާހަރާގެ ތެރެއިން. (ސަން ފޮޓޯ/އަހުމަދުﷲ އަބްދުލް ހާދީ)

ދެން އުފެދޭ ސުވާލަކީ މިފެންވަރުގެ ކުންފުންޏަކަށް މި ފައިސާ އަދާކުރަން ރައުސުލްމާލު ވިއްކަން ޖެހޭ ދަރަޖައަށް ދިޔައީ ކީއްވެ ހެއްޔެވެ؟

"އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓާރ އަމްރު، ދެން އާރުސީސީ ކުންފުނީގެ ޗެއާމެން ރިޓަޔާޑް ކާނަލް ނާޒިމްވެސް ވަނީ މިކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދީފައި. ދެން ރާއްޖެއަށް ދެވުނީމައި އެކި ފަރާތްތަކުގެ އެހީގައި ވެސް ކުންފުނީގެ ރައުސުލްމާލު ވިއްކައިގެން ވެސް މުސާރައިގެ ކަންކަން މި މަހުގެ ނިޔަލަށް ހަމަޖައްސާނަން." މިއީ މުސާރައިގެ މައްސަލަ ކުރިމަތިވެފައިވާ ކޮންމެ ބިދޭސީއަކަށް މި މަހު 1،600 ރުފިޔާ ދިނުމަށް ކުރަން ޖެހުނު ކަންކަން ކަމަށް އަނޮން ކިޔައި ދެއްވި އެވެ.

ސައުދީ ޝާހީ އާއިލާގެ ބޭފުޅެއްގެ ހިއްސާ

އައިލެންޑް އެކްސްޕާޓަކީ ވަރުގަދަ އަދި ބިޔަ ކުންފުންޏެއްގެ ގޮތުގައި އަނޮން ވަނީ ސިފަކޮށްފަ އެވެ.

އެ ކުންފުންޏަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް އާއިލާ ކަމުގައިވާ ސައުދީގެ ރަސްކަން ކުރާ އަލް ސައުދު އާއިލާއަށް ނިސްބަތްވާ ޕްރިންސް އަބްދުލް އަޒީޒް ބިން ތަލާލް ބިން އަބްދުލް އަޒީޒްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ޕްރިންސް ތަލާލްއަކީ ޒަމާނީ ސައުދީ އަރަބިއްޔާ ގާއިމުކުރެއްވި ރަސްގެފާނު ކިންގް އަބްދުލް އަޒީޒް އަލް ސައުދުގެ ކާފަ ދަރިއެކެވެ.

ޕްރިންސް ތަލާލް އަކީ ވިޔަފާރި، ފިލާންތްރޮޕީ އަދި ހިއުމެނިޓޭރިއަން މަސައްކަތްތަކުގައި އިސް ނަންގަވައިގެން މަސާއްކަތްކުރައްވާ ބޭފުޅެކެވެ. ޕްރިންސް ތަލާލް އަކީ ކުރިން ޓްރާންސްޕެސިފިކް ބްރޯޑްކާސްޓިންގް ގްރޫޕްގެ ޗެއާކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ޕްރިންސް ތަލާލް 2016 ވަަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ދަތުރުފުޅެއްގައި ވަނީ އައިލެންޑް އެކްސްޕާޓުން ކުރިޔަށް ގެންދާ އެކި މަޝްރޫއުތައް ބައްލަވާލަންވެސް ޒިޔާރަތްކުރައްވާފަ އެވެ. އޭނާގެ އަރިހުގައި އޭރުގެ ފުލުހުންގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހުޅުމާލޭގައި އަޅާ ފުލުހުންގެ ފްލެޓްތައް. -- ފޮޓޯ/އައިލެންޑް އެކްސްޕާޓް

މީގެ ކުރިންވެސް ޕްރިންސް ތަލާލްއާއި އައިލެންޑް އެކްސްޕާޓްއާއި ދެމެދުގައި އޮންނަ ގުޅުމާ މެދު ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.

އެހެންނަމަވެސް ކުންފުންޏަކާއި ކުންފުންޏެއްގެ ހިއްސާދާރުންނަކީ ގާނޫނީ ގޮތުން ވަކި ބައެކެވެ. އަދި ކުންފުނީގެ މުއާމަލާތްތަކަށް ހިއްސާދާރުން ގިނަ ފަހަރަށް ޒިންމާވާކަށް ނުޖެހެ އެވެ. އެކަމުގައި ގާނޫނީ ގޮތުން ޒިންމާވާން ޖެހޭނީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރެވެ. އެެހެންކަމުން އައިލެންޑް އެކްސްޕާޓަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގައި އޭނާ ސީދާ ޒިންމާ ނަންގަވަން ނުޖެހޭ ކަމަށް ވެސް ބުނެވިދާނެ އެވެ. އޭނާގެ އެހީ އެ ކުންފުންޏަށް އޮތީ ކިހާ ވަރަކަށް ހެއްޔެވެ؟

މިއީ ވެސް ނޫމަޑިން އުފަންވީ ކައްޓެއްތަ؟

އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އައިލެންޑް އެކްސްޕާޓުގެ އެމްޑީ އަނޮން ސޮންގްޕަންޔާ އަކީ ރާއްޖޭގެ ސަރުކާރުން އެއްބަސްވުންތަކެއް ބާތިލުކުރުމުގެ ބަދަލެއްގެ ގޮތުން، 55 މިލިއަން ޑޮލަރު ދިން ނޫމަޑި ރެސިޑެންސަސްގައި ތިއްބަވާ ދެ ބޯޑް މެންބަރުންގެ ތެރެއިން އެއް ބޭފުޅެކެވެ.

އަނޮން އަކީ ނޫމަޑި އާއި ރާއްޖޭގެ ސަރުކާރާ ދެމެދު ނެދަލޭންޑްސްގެ އާބިޓްރޭޝަންގައި ކުރިޔަށް ދިޔަ މައްސަލައިގެ ހެކިބަސް ދިން ފަރާތެއްވެސް މެ އެވެ.

އަނޮން އެ މައްސަލައިގައި ހެކިބަސް ދީފައި ވަނީ އެއްބަސްވުންތައް ބާތިލުކޮށްގެން ނޫމަޑިއަށް އެއްވެސް ކަހަލަ ގެއްލުމެއް ނުލިބޭނެކަމަށް ބުނެ އެވެ. އަދި ރާއްޖޭގެ ސަރުކާރުން އެއްވެސް ފައިސާއެއް އަދާކުރަން ނުޖެހޭނެކަމަށް ބުނެ އޭނާ ހެކިބަސް ދިންކަން އެނގިފައިވެ އެވެ.

އައިލެންޑް އެކްސްޕާޓުން ހަ.ދ. ހަނިމާދޫގައި އެޅި ހައުސިންގް ޔުނިޓްތަކެއް. (ފޮޓޯ/އައިލެންޑް އެކްސްޕާޓު)

އާބިޓްރޭޝަންގައި ރާއްޖެއާއި ދެކޮޅަށް މައްސަލަ ނިމިއްޖެ ހިނދެއްގައި އަނޮން ވަނީ ބަދަލުގައި ލިބޭ ފައިސާއިން އޭނާއަށް ވީ ބައި ރާއްޖޭގެ ސަރުކާރަށް ހަދިޔާ ކުރާނެ ކަމަށް ބުނެ ދިވެހި ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެވެ. އެހެން ނަމަވެސް، އެ ފައިސާ ދިން ކަމެއް އަދި ނޭނގެ އެވެ.

ނަމަވެސް އާބިޓްރޭޝަންގެ ބޭރުން މައްސަލަ ނިންމުމަށް ހެދުނު އެއްބަސްވުމެއްގެ ދަށުން ދިވެހި ސަރުކާރުން ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު (848.10 މިލިއަން ރުފިޔާ) ނޫމަޑިއަށް ދީފައިވެ އެވެ.

ދެން އަނެއްކަމަކީ ސިފައިންގެ ފްލެޓް އަދި ފުލުހުންގެ ފްލެޓްގެ މަޝްރޫއުވެސް އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ކުންފުންޏާއި ކަމަށްވުމެވެ. ނޫމަޑިއަށް އެކަން ނުވި ކަމަށް ބުނެ އެ އެއްބަސްވުންތައް ބާތިލުކުރުމަށްފަހު އެ މަޝްރޫއު ދެން ހަވާލުކުރީ ވެސް ނޫމަޑީގައި މަސްލަހަތު އޮންނަ، ހިއްސާދާރެއް ހިމެނޭ އައިލެންޑް އެކްސްޕާޓާ އެވެ. މިއީވެސް ސުވާލު އުފެދޭ ކަމެކެވެ. ނޫމަޑިއަށް މަސައްކަތް ނުނިންމިގެން އެގްރިމަންޓް ބާތިލްކޮށް، ނޫމަޑީގެ ހިއްސާދާރެއްގެ އެހެން ކުންފުންޏަކަށް މަޝްރޫއު ދިނީ ކޮން އުސޫލަކުން ހެއްޔެވެ؟

މީގެ އިތުރަށް އައިލެންޑް އެކްސްޕާޓްގެ ހިއްސާދާރުންގެ އަދަދު 15 އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބޭރު އެތައް ބައެއްގެ ނަން ހިމެނެ އެވެ. އެހެން ނަމަވެސް، ބޯޑް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ، އަނޮން އާއި ހަދީޖާ އުމޭލާ ކިޔާ ބޭފުޅެކެވެ. ހަދީޖާ އަކީ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ ވެސްމެ އެވެ. މިހާ ގިނަ ހިއްސާދާރުން ތިބޭ ކުންފުންޏެއްގައި، ބޯޑު ޑިރެކްޓަރުންގެ ގޮތުގައި އެންމެ ދެ ބޭފުޅަކު ތިއްބެވުމަކީ އެހެން އަޑި ނޭނގޭ ކަންތައްތަކެއް އެކަމުގެ ތެރޭގައި އުޅޭ ކަމުގެ ނިޝާނެއް ނޫން ހެއްޔެވެ؟

އަނޮން ވިދާޅުވެފައިވާ ގޮތުގައި ކުންފުނީގެ ރައުސުލްމާލު ވިއްކައިގެން ލިބޭ ފައިސާއިން ބިދޭސީންނަށް މުސާރަ ދޭނެ އެވެ. އެކަމަކު އަށް މަސް ދުވަސް ވިޔަސް ތިން މަސް ދުވަސް ވިޔަސް މިވީހާ ދުވަހު މިގޮތަށް އަމަލު ނުކުރީ ކީއްވެބާ އެވެ؟

މައްސަލައިގެ ފުންމިން ރެއަކާލީ، އަދި މުވައްޒަފުންގެ އިންސާނީ ހައްގު ފުރިހަމަ ކުރަން ވިސްނުނީ މި ހިސާބަށް ކަންތައް ދިޔުމުން ހެއްޔެވެ؟

އައިލެންޑް އެކްސްޕާޓަކީ "ނުފޫޒު" ގަދަ ކުންފުންޏެކެވެ. އަޑި ނޭނގޭ ކުންފުންޏެކޭ ވެސް ބުނެވިދާނެ އެވެ. އެ ކުންފުނީގެ ތެރެއިން އުފެދުނު ބިދޭސީންގެ މައްސަލަ ވެސް ދިގުލައިގެން ގޮސް، ބޮޑު ސީރިއަސް މައްސަލައަކަށް ބަދަލުމިވީ އެ ސަބަބުތަކުގެ ތެރެއިން ކަމަށްވުން ކައިރި އެވެ.

ފައިސާ ނެތިކަމަށް ބުނާ އައިލެންޑް އެކްސްޕާޓްއިން މިއީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ބޮޑެތި ޕްރޮޖެކްތްތަކެއް ކުރިންވެސް އަދި މިހާރުވެސް ރާއްޖޭގައި ހިންގާ ކުންފުންޏެއް ކަމަށް އެ މީހުން ސާބިތުކޮށްދެ އެވެ. ސުވާލަކީ، ކުންފުންޏަށް ހަމަ އެއްވެސް ވަރަކަށް ފައިސާއެއް މި އަހަރު އަދި ނުލިބެނީ ހެއްޔެވެ؟ ނުވަތަ ކުންފުނިން މި ހިފަނީ ވަގުތު އިސްރާފުކޮށް މުޅިން އެހެން އަމާޒަކަށް ވާސިލުވާން ހެއްޔެވެ؟