އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ފުނަށް ގޮސް، އިންސާފު ގާއިމްކުރުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ، އެ މައްސަލަ ރަނގަޅަށް ބަލައި އިންސާފު ހޯދައިދެވޭނޭ މާހައުލެއް ގާއިމްކޮށް ދިނުމަށް އެ މައްސަލައިގެ ތަހުގީގު ޓީމުގައި ހިމެނޭ ދައުލަތުގެ ޕްރޮސިކިއުޓަރުންގެ ޓީމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދަންނަވައިފި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ، ފުލުހުން ގުޅިގެން ހިންގާ އެ ތަހުގީގުގައި ޕީޖީގެ އޮފީހުގެ ފަރާތުން ހަރަކާތްތެރިވާ ޕްރޮސިކިއުޓަރުންގެ ޓީމުން ސޮއިކޮށް އިއްޔެ ރައީސް ސޯލިހުއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ އަމަލުތަކާ ގުޅޭ ޖިނާއީ ތަހުގީގުތަކަކީ 2015 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ތަހުގީގުތަކަކަށް ވާއިރު، މި މައްސަލައިގެ ތަހުގީގާ، ދައުވާ ކުރުމާއި ޝަރީއަތުގެ މަރުހަލާތަކާމެދު އާންމުންގެ ގިނަ ބައެއްގެ ސުވާލުތަކެއް އަދިވެސް އުފެދިފައިވާ ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާ އެކު ތަހުގީގު ކުރިއަށް ގެންދިޔުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހު ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރުން ހިމެނޭ ގޮތުން، ހާއްސަ ޓީމެއް އެކުލަވާލައި، އެދުވަހުން ފެށިގެން މިއަދާ ހަމައަށް ޕީޖީ އޮފީހުން މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލައި އިރުޝާދު ދީ، ދައުވާ ކުރަން ޖެހޭ ފަރާތްތަކަށް ދައުވާ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ސިޓީގައިވެ އެވެ. ނަމަވެސް އެކަމުގެ ނަތީޖާ ފެންނަމުން ނުދާ ކަމަށް ޕްރޮސިކިއުޓަރުން ރައީސްއަށް ފޮނުއްވި ސިޓީގައި ފާހަގަ ކުރެއްވި އެވެ.

"ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މަސައްކަތުގެ ނަތީޖާ ހާސިލްވިޔަނުދިނުމަށްޓަކައި އެކި ފަރާތްތަކުން މަސައްކަތް ކުރަމުންގެންދާ ކަމެވެ. މިކަންކަން ހުއްޓުވުމަށާއި، ޝަރީއަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހުރަސްއަޅަމުން ގެންދާކަމެވެ." ސިޓީގައިވެ އެވެ.

ބޮޑު ހިޔާނާތުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް ވެސް ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ މައްސަލަ މިހާރު ވަނީ ހައިކޯޓްގައި އިސްތިއުނާފުކޮށް، އެ ހުކުމް އިއްވި ގާޒީގެ މައްސަލަ އެ އޮފީހުގެ ފަރާތުން ޖޭއެސްސީއަށް ހުށަހަޅައިފަ އެވެ.

މި ސިޓީ ލިބިފައިވާކަން ސަރުކާރުގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ.

"ސަން"އަށް ކޮޕީ ލިބިފައިވާ އެ ސިޓީގައި ޕްރޮސިކިއުޓަރުންގެ ޓީމުން ވަނީ، ބޮޑު ހިޔާނާތުގެ މައްސަލަ ރަނގަޅަށް ތަހުގީގުކޮށް އިންސާފު ހޯދައިދިނުމަށް، ރައީސްގެ ކިބައިން އެދޭ 11 ނުކުތާއެއް ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން ޕްރޮސިކިއުޓަރުންގެ ސިޓީގައި ވިދާޅުވެފައި ވަނީ ރިޔާސީ ކޮމިޝަނާއި ތަހުގީގީ އިދާރާތައް ގާއިމްވެފައި ހުރި ނަމަަވެސް، އެ މުއައްސަސާތަކަށް ބޮޑު ހިޔާނާތުގެ ތަހުގީގު އެންމެ އެކަށޭނަ ގޮތުގައި ކުރެވޭނެ ވަސީލަތްތައް ދައުލަތުން ފޯރުކޮށްދީފައި ނުވާކަމަށެވެ.

އެގޮތުން މި މައްސަލައަކީ "ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނެއް" ކުރަންޖެހޭ މައްސަލައަކަށް ވީ ނަމަވެސް، އެކަށީގެންވާ އަދަދަކަށް ފޮރެންސިކް އެކައުންޓެންޓުންނާއި ފޮރެންސިކް އެގްޒެމިނަރުން ފޯރުކޮށްދީފައި ނުވާކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި ހިޔާނާތާއި މަނީލޯންޑަރިންގެ ތުހުމަތު އެކަށީގެންވާ ވަރަށް ކުރެވޭ ފަރާތްތައް ދައުލަތުގެ މަގާމުތަކާއި ކޮމިޝަންތަކަށް އައްޔަން ނުކުރުމަށާއި މަގާމުތަކުގައި ތިއްބަވަނިކޮށް އެފަދަ ތުހުމަތެއް ކުރެވިއްޖެ ނަމަ އަވަހަށް މަގާމުތަކުން ދުރުކުރުމަށް ވެސް ޕްރޮސިކިއުޓަރުން ރައީސްގެ ކިބައިން އެދިލައްވާފައިވެ އެވެ.

މީގެ އިތުރުން، ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމާއި އޭސީސީގެ ގާނޫނަށް ވެސް އެކަށީގެންވާ ބަދަލުތައް ގެނައުން އަވަސް ކުރުމުގެ މުހިންމުކަން ވެސް ޕްރޮސިކިއުޓަރުން ފާހަގަ ކުރައްވާފައިވެ އެވެ.

މި ހުރިހާ ހުރަސްތަކާ އެކު ބޮޑު ހިޔާނާތުގައި އިންސާފު ގާއިމުކުރެވޭނެ މާހައުލެއް މިވަގުތު ރާއްޖޭގައި އޮތް ކަމަކަށް ނުދެކޭ ކަމަށާއި އެފަދަ ކަންކަން ތަކުރާރު ނުވާނޭހެން މުޅި ނިޒާމު އިސްލާހުކުރުމަށް ރައީސަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ވަކީލުން ވަނީ އެދިވަޑައިގެންފައިވެ އެވެ.

"މި މައްސަލައާ ގުޅިގެން މިމައްސަލައިގެ އެންމެ ފުނަށް
ވާސިލުވެވޭނެ މާހައުލެއް މިވަގުތު ދިވެހިރާއްޖޭގައި އޮތްކަމަކަށް ނުދެކެމެވެ. އެހެންކަމުން، އަޅުގަނޑުމެންގެ އެދުމަކީ މި ފަދަ ކަންކަން ތަކުރާރު ނުވާނޭހެން މުޅި ނިޒާމު އިސްލާހުކުރުމަށް އިއްޒަތްތެރި މަނިކުފާނަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވުމެވެ. އަދި މި މައްސަލާގައި އިންސާފު ހޯދުމަށް ކުރާ މަސައްކަތްތަކަށް ވަކި ނުފޫޒެއް އަދި ތަޢައްސުބެއް ނެތި ކުރިއަށް ގެންދެވޭނެ މަގެއް ހޯއްދަވައި ދެއްވުމެވެ." ސިޓީގައިވެ އެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި އަދީބަށް އިއްވި ހުރިހާ ހުކުމަކުން އޭނާ މިހާރު ވަނީ ސަލާމަތްވެފަ އެވެ. އަދި އޭނާގެ މައްޗަށް އުފުލު ދައުވާތައް ބާތިލްކުރުމުން އޭނާ ވަނީ މިނިވަންވެފަ އެވެ.

ދެން އެ މައްސަލާގައި ހުކުމް ކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ މައްޗަށެވެ. ޒިޔަތުގެ ހުކުމް އަދި ތަންފީޒުކޮށް ނުނިމުނު ނަމަވެސް އޭނާ ހުރީ މިހާރު ގޭގަ އެވެ. ނަމަވެސް ހާމިދުގެ ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ވެސް ވަނީ ހުކުމެއް އިއްވާފަ އެވެ. އެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުގަ އެވެ.

އެމްއެމްޕީއާރްސީގެ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދިވެސް އެނޫން އެތައް ބައިވަރު ފަރާތްތަކެއް ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މީގެކުރިން ވަނީ ހާމަކޮށްފަ އެވެ.

އެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ރާއްޖެއިން ބޭރުގައި ތިބި ފަރާތްތައް ތަހުގީގަށް އެއްބާރުލުން ދޭ ކަމަށް ބުނެ، ފުލުހުން ވަނީ އެ މީހުން ހޯދުމަށް ނެރެފައިވާ އިންޓަޕޯލް ރެޑް ނޯޓިސް އުވާލައި އެ މީހުންގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ބުނެފަ އެވެ.