17 Jul 2020, 15:05
ނިއުދިއްލީ (ޖުލައި 16) : އިންޑިއާގައި ކޮވިޑް-19 ޖެހުނު ކަމަށް ރިޕޯޓް ކުރި މީހުންގެ އަދަދަށް ވުރެ ރިޕޯޓް ނުކުރާ މީހުންގެ އަދަދު ގިނަވުން އެކަށީގެން ވާކަމަށް ތަޖްރިބާކާރުން ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ސިއްހަތާ ބެހޭ ތަޖްރިބާކާރުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އެގައުމުގައި ކޮވިޑް-19 ޖެހުނުކަމަށް ރިޕޯޓްކުރި މިހުންގެ އަދަދަށް ވުރެ ރިޕޯޓް ނުކުރާމީހުންގެ އަދަދު އިތުރުވުން ވަރަށް ގާތެވެ. ސަބަބަކީ އިންޑިއާގެ އާބާދީގެ ގާތްގަނޑަކަށް 50 ޕަސެންޓް މީހުން ދިރިއުޅެނީ ރަށްފުށުގެ އެކަހެރި ހިސާބުތަކުގައި ކަމަށްވެފައި އެތަންތަނުގައި ކޮވިޑްގެ ހާލަތު ވަރަށް ކުޑަކޮށް ނޫނީ ބެލެމުން ނުދާތީއެވެ.
އިންޑިއާގެ ސިއްހަތާބެހޭ ތަޖްރިބާކާރުން މިހެން ވިދާޅުވެފައި ވަނީ އެގައުމުގައި ކޮވިޑް -19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިލިޔަނަކަށް ވުރެ މައްޗަށް ދިޔުމާ އެކު ކުރިން ނުފެންނަ ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކޮވިޑް ކޭސްތައް ފެންނަން ފެށުމާ ގުޅިގެންނެވެ.
އިންޑިއާ ނޫން ބައެއް ގައުމުތަކުގައި ވެސް ކޮވިޑް-19 ޖެހުނު ކަމަށް ރިޕޯޓް ކުރި މީހުންގެ އަދަދަށް ވުރެ ރިޕޯޓް ނުކުރާ މީހުންގެ އަދަދު ގިނަވުން އެކަށީގެންވާ ކަމަށް އެގައުމުތަކުގެ ތަޖްރިބާކާރުން ވެސް ލަފާ ކުރައްވާފައިވެ އެވެ.
އިންޑިއާ އަކީ ދުނިޔޭގައި ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ ދެވަނަ ގައުމުވެ. އަދި ކޮވިޑްގެ ކޭސްތައް ތިންވަނައަށް އެންމެ ގިނަ ގައުމުވެސްމެ އެވެ. އެމެރިކާ ފިޔަވައި ދެން ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދަނީ އިންޑިއާގައެވެ. ތިންވަނައަށް އެންމެ ބާރަށް ފެތުރެނީ ބްރަޒިލްގައެވެ.
ކޮވިޑްގެ ކޭސްތައް އަދި ވެސް އެންމެ ގިނަގައީ އެމެރިކާގަ އެވެ. ދެން ބްރަޒިލްއެވެ. ތިންވަނައަށް އިންޑިއާގަ އެވެ. އިންޑިއާގައި މިހާރު ފެތުރެމުންދާ ސްޕީޑްގައި ކޮވިޑް ފެތުރެމުންދާނަމަ މިއަހަރުގެ ފަހުކޮޅަށްދާއިރު އެމެރިކާ ފިޔަވައި ކޮވިޑްގެ ކޭސްތައް އެންމެ ގިނަގައުމަކަށް އިންޑިއާ ވެގެންދާނެ ކަމަށް އިންޑިއާގެ ސިއްޙަތާބެހޭ ތަޖްރިބާކާރުން ލަފާކުރައްވަ އެވެ. އިންޑިއާގައި ކޮވިޑް ފެތުރިފައިވާ މިންވަރު މަތިކަން އެނގުނީ އެގައުމުގައި އެރޯގާއަށް ޓެސްޓް ކުރާ އަދަދު އިތުރުކުރުމާ ގުޅިގެންނެވެ.

އިންޑިއާގެ ރަށްފުށުގެ ސަރަހައްދުތަކުގެ މީހުންނަށް ކަމާބެހޭ މައުލޫމާތު ދެނީ
އިންޑިއާގައި ކޮވިޑް -19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ އެއްމިލިޔަން ފަހަނަޅައި ގޮސްފައެވެ. އަދި އެރޯގާގައި މަރުވި މީހުންގެ އަދަދުވެސް ވަނީ 25 ހާހަށްވުރެ މައްޗަށް ގޮސްފަ އެވެ.
އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާ ބުނާ ގޮތުން އެގައުމުގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެގައުމުގައި އެވްރެޖްކޮށް އުޅެނީ 25،000 އާއި 32،000 އާ ދެމެދުގެ އަދަދެއްގަ އެވެ.
އެމެރިކާއަަށް ބަލާއިރު އެގައުމުގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު އެވްރެޖްކޮށް އުޅެނީ 30،000 އާއި 50،000 އާ ދެމެދުގަ އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު އެމެރިކާގައި ކޮވިޑް އަށް 67،000 މީހުން ޕޮޒިޓިވްވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް އާދަޔާ ޚިލާފަށް ގިނަވާންފެށީ މިދިޔަ ޖޫންމަހުގެ 16 އިން ފެށިގެންނެވެ. އެއީ ކުރިންއެޅި ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިނުމާ އެކު ގިނަ ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރުކުރަން ފެށުމާއި ބާޒާރުތައް ހުޅުވާލުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އެގައުމުގެ ކަމާބެހޭ މަސްއޫލުވެރިން ވިދާޅުވެ އެވެ.
ކުރިން ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވަނީ މަހާރާޝްތްރާ، ދިއްލީ، ޓެމިލްނާޑޫ، އުއްތުރަ ޕްރަދޭޝް، އަދި ކެރެލާގައި ކަމަށްވިޔަސް މިހާރު އެރޯގާވަނީ އެ ސްޓޭޓްތަކުގެ އިތުރުން ކަރްނާޓަކާ، ވެސްޓްބެންގާލް، ބިހާރު، އަންދްރާ ޕްރަދޭޝް، އޮޑިއްސާ އަދި ގުޖުރާތު، ތެލަންގަނާ، ހަރިޔާނާ އަދި ރާޖެސްތާން ގައިވެސް ވަރަށް ބޮޑަށް ފެތުރިފައެވެ. ނަމަވެސް ކެރެލާގައިވަނީ ވަރަށްބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.
ކޮވިޑް-19 އިންޑިއާގެ ގިނަ ސްޓޭޓްތަކަކަށް ފެތުރުމާއެކު އެރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި އެސްޓޭޓްތަކުގެ އެކި ސަރަހައްދުތަކުގައި ވަނީ ފުރަބަންދުގެ ފިޔަވަޅުތައް އަޅައި ކަރަންޓީނު ކުރުން ފަދަ ސިއްހީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ނަމަވެސް އޯލް އިންޑިއާ ލެވެލްގައި މުޅިގައުމު ފުރަބަންދުކޮށް އެތެރޭގެ ދަތުރުތައް ހުއްޓާލުމުގެ ވިސްނުން މިހާރު އިންޑިއާ އިން ނުގެންގުޅެއެވެ.
(ނޫސްއެޖެންސީތައް)