17 Jul 2020, 12:37
ބަންގްލަދޭޝްގެ 135 މީހުންނާއެކު މޯލްޑިވިއަންގެ ފްލައިޓު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްގެ ޑާކާ އަށް ފުރައިފި އެވެ.
މިއީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން އެނބުރި ގައުމަށް ފުރުވާލުމަށް މޯލްޑިވިއަން އާއި ސަރުކާރުން ގުޅިގެން ބާއްވާ ރެޕަޓްރިއޭޝަން ފްލައިޓުތަކުގެ ތެރެއިން ގަމުން ޑާކާ އަށް ބާއްވާ ފުރަތަމަ ފްލައިޓެވެ.
މީގެ ކުރިން ވީއައިއޭ އާއި ޑާކާ އާއި ދެމެދު 21 ފްލައިޓު މޯލްޑިވިއަން އިން ވަނީ ބާއްވައިފަ އެވެ.
ރެޕަޓްރިއޭޝަން ފްލައިޓުތަކުގައި މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ފުރުވާލާފައިވާއިރު، މީގެ ތެރޭ ގިނައިން ހިމެނެނީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. މީގެ އިތުރުން އެކި ސަބަބުތަކާ ހުރެ އެނބުރި ގައުމަށް ދިޔުމަށް ބޭނުންވާ މީހުންވެސް މި ފްލައިޓުތަކުގައި ދަނީ ފުރުވާލަމުންނެވެ.
މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގަ އާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.
މި އަހަރު ނިމޭއިރު، ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން އަމާޒުހިފާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 62،000 މީހުންނަކީ ގަވައިދާ ހިލާފަށް އުުޅޭ މީހުންކަމަށް އިމިގްރޭޝަންގެ ރެކޯޑުތަކުން ފާހަގަވާ ނަމަވެސް، އެ އަދަދު 80،000 އާއި ލައްކައަކާ ދޭތެރޭ އުޅޭނެކަމަށް ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.
ލިޔެކިޔުން ނެތި އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި 43،000 މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ. ލިޔެކިޔުން ނެތި އުޅޭ މީހުންގެ 95 ޕަސެންޓަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.