17 Jul 2020, 11:56
އަވައްޓެރި އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިލިޔަނަކަށް އަރައިފި އެވެ.
އިންޑިއާ އަކީ އެމެރިކާ އަދި ބްރެޒިލް އަށްފަހު ތިންވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ. ފާއިތުވި 24 ގަޑިއިރު ތެރޭ އެކަނިވެސް އެގައުމުގެ 35،000 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.
ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ، އިންޑިއާ އިން ބަލީގައި 25،602 މީހުން މިހާތަނަށް މަރުވެފައިވާއިރު މިއީ އަށްވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ.
އިންޑިއާ ގައި އެންމެ ބާރަށް ކޮވިޑް ފެތުރެމުންދަނީ މަހަރަސްތާ ސްޓޭޓުގައެވެ. އެ ސްޓޭޓުން 2،80،000 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. މީގެ އިތުރުން ކަރްނާކަޓާ، އަނދްރަ ޕްރަދޭޝް، ވެސްޓް ބެންގާލް އަދި ބިހާރުގައިވެސް ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެފަ އެވެ.
އިންޑިއާ އިން ކޮވިޑްގެ ކޭހެއް ފުރަތަމަ ފެނުނީ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން، މާޗު މަސް ތެރޭ އެގައުމުގެ ސަރުކާރުން ވަނީ ބަލި ކޮންޓްރޯލު ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ބޯޑަރު ބަންދުކޮށް އެގައުމަށް އެތެރެ ނުވެވޭ ގޮތަށް އެޅި މި ފިޔަވަޅުތަކާއެކު ބަލި ފެތުރޭ މިންވަރު ކޮންޓްރޯލު ކުރެވުނު ނަމަވެސް އިގްތިސާދަށާއި މީހުންގެ ވަޒީފާ އަށް ކުރާ އަސަރުތަކާއެކު މި ހަރުކަށި ފިޔަވަޅުތައް އުވާލުމާއެކު ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑުތައް އިތުރުވެފަ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު އިންޑިއާ ހުޅުވާލާ، ބައްޔަށް ޓެސްޓު ކުރާ މިންވަރު ވަނީ އިތުރު ކޮށްފަ އެވެ. މިއާއެކު އެ ގައުމުން ބަލި ފެންނަ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ. --- ބީބީސީ