މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް އިއްޔެ ދަތުރު ކުރަމުންދިޔަ ފާޅު ބޯޓްގެ އިންޖީނު ގައި އަލިފާން ރޯވި ހާދިސާގައި ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެ ބޯޓުގެ ވެރިފަރާތުން މިއަދު ބުނެފި އެވެ.

ބޯޓްގެ ވެރިޔާ މުހައްމަދު ސައީދު ބުނީ އޭނާ ވެސް ހުރި، ބޯޓްގެ އިންޖީނު ގައި އަލިފާން ރޯވާން ދިމާވީ އިންޖީނުގެ ބައެއް ކަމަށް "ޓާބޯ" ގޮވުމުގެ ސަބަބުން ފިއުލް ޕަންޕް ހަލާކުވެގެން ކަމަށް ބެލެވޭ ކަމަށެވެ.

"ބޯޓް ދުއްވާފައި ވަކި ހިސާބަކަށް ދިޔަތަނުން އިންޖީނު ރޭސްވިކަން އެގުނު. ރޭސްވުމަށް ފަހު އިންޖީނު ހުއްޓިފައި އަލިފާން ރޯވީ. އަޅުގަނޑުމެން ވަގުތުން [އަލިފާން ނިއްވާ ފުޅިން] ފޯމް ޖަހާ އަލިފާން ނިއްވީ" ސައީދު ބުންޏެވެ.

މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް 155 ފަސިންޖަރުންނާއެކު އިއްޔެ ހަވީރު ބޯޓް ނައްޓާލައިގެން ދިޔަތާ މާގިނައިރެއް ނުވަނީސް ކ. އާރަށާ ކައިރިވެފައި ވަނިކޮށް ބޯޓްގެ އިންޖީނު ގޮވައި އަލިފާން ރޯވުމުގެ ހާދިސާގައި އިންޖީނުގެ މަތީގައި އިށީދެއިން ހދ. ނޮޅިވަރަމް ހިޔަލީ އަހުމަދު މުހައްމަދު ވިއްސައިގެން ދިއުމުގެ ސަބަބުން އޭނާގެ ފައިވަނީ ބިންދިފައެވެ. އެހާދިސާގައި އޭނާގެ އިތުރުން ދެ މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

އިއްޔެގެ ހަވީރު އިރޮއޮއްސެން ކައިރިވެފައި ވަނިކޮށް ހިނގި މި ހާދިސާގައި ދަތުރުކުރި ބޯޓުގެ ފަޅުވެރިން ފިޔަވާ ހުރިހައިފަސިންޖަރުން ސިފައިންގެ އެހީގައި މާލެ ގެނައެވެ. ބޯޓްގެ ވެރިފަރާތުން ބުނީ އެ މީހުން އެރަށުގެ އެހެން ބޯޓެއްގައި ކުޅުދުއްފުއްޓަށް ވިހާވެސް އަވަހަށް ފޮނުވާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގުމަށް ފަހު މާލޭ ބަނދަރަށް ގެނެސްފައިވާ ބޯޓުގެ ވެރިޔާ ބުނީ އަލިފާން ރޯވި އިންޖީނު ހެދޭނެ ދުވަހެއް ބުނަން ނޭގޭތީ ބޯޓްގައި ހުރި މުދާ، ކުޅުދުއްފުށީ އެހެން ބޯޓްތަކަށް ހުސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ބޯޓުގެ އިންޖީނު ނުހެދި މާލޭ ފަޅުގައި ގިނަ ދުވަސްތަކެއް ވާނަމަ ބޮޑެތި ގެއްލުން ތަކަކާއި ކުރިމަތިލާން ޖެހޭނެކަމަށް ވެސް ބުންޏެވެ.

"މިބޯޓަކީ މާލެއާ ރަށާއި ދެމެދު ހަފްތާއަކު ދަތުރެއްކުރާ ބޯޓެއް. ކޮންމެ ހަފްތާއަކު 35000ރ. ލިބޭ. ބޯޓް ގެ އިންޖީނު ނުހެދި މާލޭފަޅުގައި އޮންނަން ޖެހޭ ކޮންމެ ދުވަހަކީ ވަރަށް ބޮޑެތި ގެއްލުންތަކެއްވާނެ ދުވަހެއް،" އޭނާ ބުންޏެވެ.