17 Jul 2020, 11:42
ލ. ގަމު މުކުރި މަގު އަވަށުން މަސް ފެންގަނޑަކަށް ވެއްޓުނު އުމުރުން 14 މަހުގެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
ގަން ރީޖިނަލް ހޮސްޕިޓަލްގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ 14 މަހުގެ ކުޑަ ފިރިހެން ކުއްޖަކު އެ ހޮސްޕިޓަލަށް ގެނައީ އިއްޔެ އިރުއޮއްސެން ވެފައި ހުއްޓާ ކަމަށެވެ.
ހޮސްޕިޓަލަށް ގެނައި އިރުވެސް އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އަދި ނޭވާ ލަނީ މެޝިންގެ އެހީގަ އެވެ. އެއާއި އެކު ޑޮކްޓަރުން ވަނީ އިތުރު ފަރުވާއަށް އެކުއްޖާ މާލެ ގެނައުމަށް ލަފާދީފަ އެވެ.
"ރޭ ދަންވަރު ވަނީ އާސަންދައިގެ އެހީގައި ޗާޓާޑް ފްލައިޓެއްގައި އެ ކުއްޖާ މާލެ ފޮނުވާލާފައި،" އޮފިޝަލު ވިދާޅުވި އެވެ.
އެ ކުއްޖާ މާލެ ފޮނުވާލިއުރު ވެސް ހާލު ސީރިއަސް ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އަދި މާލެ ފޮނުވާލިއިރު ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އެ ކުއްޖާގެ އާއިލާއާ އެކު އަވައްޓެރިގެއަކަށް ގޮސް އުޅުމުގެ ތެރޭގައި އެ ގޭގައި ހުރި މަސް ފެންގަނޑަކަށް އެ ކުއްޖާ ވެއްޓުމުންނެވެ. ކުއްޖާ މަސް ފެންގަނޑަށް ވެއްޓިފައި އޮއްވާ ފެނިފައިވަނީ އޭނާގެ ބޭބެއަކަށެވެ. އަދި ފެނުނުއިރު ވެސް މާބޮޑު ހަރަކާތެއް ނެތް ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ކިޔައިދިނެވެ.
މީގެކުރިން ވެސް ގަމުގައި ވަނީ އެފަދަ ހާދިސާއެއް ހިނގާފަ އެވެ. އެގޮތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ގަމުގައި އުމުރުން ދެ އަހަރުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި ހޭނެތުނެވެ. ގިނަ ދުވަސްތަކެއްވަންދެން އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ފަރުވާއަށް އެ ކުއްޖާ އިންޑިއާއަށް ގެންދިޔަ އެވެ. އަދިވެސް އެކުއްޖާއަށް އިންޑިއާގައި ފަރުވާ ދެމުން އަންނައިރު ހޭ އަރާފައި ނުވާ ކަމަށް ވަނީ އެނގިފަ އެވެ.