17 Jul 2020, 08:51
މާލެ އިން ފުރައިގެން އދ. މަންދޫއަށް ދަތުރުކުރި ދޯންޏެއްގައި ހުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން ދަނީ މާލެ އިން ފުރައިގެން އދ. މަންދޫއަށް ދަތުރުކުރި "ރަންތަރި" ނަމަކަށް ކިޔާ ދޯނީގައި ހުރި އެ ރަށު ރަތްވިލާގެ އުމުރުން 27 އަހަރުގެ އަލީ ޝާހް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
އޭނާ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 2:10 ހާއިރު އެވެ. މަންދޫ ނެރުން ދޯނި ވަތް އިރު ވެސް އޭނާ ދޯނީގައި ހުރި ކަމަށް ކައްޕިއާ ހަވާލާދީ އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ ފާލަމާއި ކައިރި ކުރިއިރު އޭނާ ދޯނީގައި ނެތުމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެ ހާދިސާ ހިނގާފައިވަނީ ދަންވަރު 1:00 އެހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ގެއްލުނު މީހާ ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖީންސެއްކަމަށް ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ. އެ މީހާ ހޯދުމަށް ސިފައިންގެ ޑައިވަރުން މިހާރު އަންނަނީ އެ ސަރަހައްދަށް ޑައިވް ކުރަމުންނެވެ.
އެ މަސައްކަތުގައި އދ.މަންދޫ ރައްޔިތުންނާ އެ އަތޮޅު މަހިބަދޫ ޕޮލިސް ސްޓޭޝަނުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެނގިފައިވާ ގޮތުގައި އޭނާ މާލެ އިން މަންދޫއަށް ދަތުރުކޮށްފައިވަނީ ހޯމް ކަރަންޓީނު ވުމަށެވެ.
އެ މީހާ އާބެހޭ އެއްވެސް ހަބަރެއް ވޭތޯ، އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށް ތަކުން ބަލައިދިނުމަކީ އެމްއެންޑީއެފުން ވަނީ އެދިފަ އެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.