ކޮވިޑް ވެކްސިން އާންމުންނަށް ދިނުމުގެ ކުރިން ޗައިނާގެ ވެކްސިން އުފައްދާ ކުންފުނީގެ މުވައްޒަފުންގެ ގަޔަށް ވެކްސިން ޖަހައިފި އެވެ.

އޭގެ ތެރޭގައި ވެކްސިން އުފައްދާ ޗައިނާގެ ސައިނޯފާމް ކުންފުނީގެ އެގްޒެކެޓިވް ލެވެލް ފަދަ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނެ އެވެ.

ކޮރޯނާ އަށް ވެކްސިނެއް އުފައްދެމަށް ދުނިޔޭގެ ގިނަ ކުންފުނިތަކަކުން މަސައްކަތް ކުރަމުންދާ މިދަނޑިވަޅު ގިނަ ކުންފުނިތަކުގެ މެދުގައި ވަނީ ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފަ އެވެ.

ކޮވިޑާ ދެކޮޅަށް ވިއްސަށް ވުރެ ގިނަ ވެކްސިން އުފައްދަން މަސައްކަތް ކުރަމުންދާ އިރު ޗައިނާ އިން އުފައްދާ ވެކްސިންގައި ބޭނުންކުރަނީ "އިންއެކްޓިވޭޓެޑް" ވައިރަސްއެކެވެ. މިއީ މިހާރު ވެސް އެކި ވެކްސިންތައް އުފައްދުމުގައި ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ.

ނަމަވެސް ހުޅަނގުގެ ގައުމުތަކުގައި މުޅިން އާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ވެކްސިން އުފައްދަން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ޓެކްނޮޮލޮޖީގައި ޓާގެޓްކުރަނީ ކޮރޯނާ ވައިރަސްގެ ސްޕައިކް ޕްރޮޓީނަށެވެ.

ސައިނޯފާމްއިން ބުނީ އިންސާނުން ބޭނުންކޮށްގެން ތަހުލީލްތައް ކުރުމުގެ މާކުރިން އެ ތަހުލީލްތަކުގައި ބައިވެރިވުމަށް 30 ވޮލަންޓިއަރުން ލިބުނު ކަމަށެވެ. ނަމަވެސް އެ ނިންމުމަށް ހުޅުނގުގެ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މީގެ ކުރިން ވެސް ޗައިނާގެ ސައިންޓިސްޓަކު ވަނީ އޭނާ އުފެއްދި ބޭހެއް އަމިއްލައަށް ކައިގެން އޭގެ އަޖުމަ ބަލައިފަ އެވެ. އެގޮތުން 1970ގެ އަހަރުތަކުގެ ތެރޭގައި މެލޭރިއާ ބޭހެއް އުފެއްދި ޗައިނާގެ ސައިންސްވެރިޔާ ތޫ ޔޫޫޔޫ ވަނީ އެ ބޭސް އަޖުމަ ބަލައިފަ އެވެ. އެ ބޭސް ވަރަށް ކާމިޔާބު ބޭހަކަށް ވުމުން އޭނާއަށް ނޮބެލް އިނާމް ވެސް ލިބިވަޑައިގަތެެވެ.

ޗައިނާގެ ލީޑަރު ޝީޖިންޕީ ވިދާޅުވީ ކޮވިޑަށް އެގައުމަށް އުފައްދާ ވެކްސިން މުޅި ދުނިޔެއަށް ވެސް އޭގެ މަންފާ ކުރާނެ ކަމަށެވެ.-- އޭޕީ---