ކޮވިޑް-19 އިގެ ކޭސްތައް އިތުރުވެ ބަލި ފެތުރޭ މިންވަރު އިތުރުވި ނަމަވެސް އަޅާފައިހުރި ފިޔަވަޅުތަކަށް ބޯލަބައިގެން ކުރިއަށް ގޮސްފި ނަމަ އަމާން އައްސޭރިއަކަށް ދެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ދެ ރަށެއްގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ސެންޓަރު ހުޅުވުމަށް އޮންލައިންކޮށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ކުރިމަތީގައި އޮތީ ބުރަ ދުވަސްތަކެއް ކަމަށާއި ހާއްސަކޮށް ސިއްހީ ހިދުމަތްތެރިން ކުރަން ހުރި މަސައްކަތް ގިނަ ކަމަށެވެ.

"ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުން އެބަދޭ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އެބަދޭ. ހޮސްޕިޓަލްގައި އެޑްމިޓް ކުރެވޭ މީހުންގެ އަދަދު އިތުރުވެގެން އެބަދޭ. އެހެން ނަމަވެސް މިހާ ހިސާބަށް އައިއިރު ދަސްކުރި ކުރުމާއި ލިބިހުރި މައުލޫމާތާއި އަދި ކޮވިޑް ބައްޔާއި ކުރިމަތިލުމުގައި ދުނިޔެ ކޮށްފައިވާ ތަޖުރިބާއަށް ބަލާއިރުގައި އަޅުގަނޑުމެނަށް މިހާރު އަޅާފައި ހުރި ފިޔަވަޅުތަކާއި އެކުގައި ކުރިއަށް ދެވޭނެ ކަމަށް ފަންނީ މާހިރުން ގަބޫލު ކުރައްވާތީ އަޅުގަނޑުމެން މިހާރު މިހުރި ގޮތައް މި ކުރިއަށް ގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ކޮވިޑާއި ދޭތެރޭގައިި ކަން ފެސޭހަ ކޮށްނުލުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ، މިހާރު ބަލި ފެތުރެމުންދާ ނިސްބަތަށް ބަލާއިރު ކަން ފެސޭހަ ކޮށްލައިފި ނަމަ ކުރިމަތީގައި އޮތީ ބަނަ ދުވަސްތަކަކަށް ވެދާނެ ކަމަށެވެ.

ބޯޑަރުތައް ހުޅުވައި އެއްތަނުން އަނެއްތަނަށް ދިޔުމުގައި ކުރިއަށް ވުރެން ބޮޑަށް ފަސޭހަވެ ގޭ ބަންދަށް ނިމުމެއް އައިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ދެން އޮތީ ފަރުދީ ޒިންމާ ފުރިހަމައަށް އަދާކޮށް މި ބަލިން ރައްކާތެރިވުން ކަމަށެވެ.

"މިހާ ހިސާބުން ކުރަން އޮތް ކަމަކީ އަޅުގަނޑުމެން އަމިއްލައަށް ރައްކާތެރިވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމު މަސައްކަތް ކަމުގައި ދެކިގެން މަސައްކަތް ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑާ އެކު ރާއްޖެއަށް މިހާ ހިސާބަށް އާދެވުމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ސިއްހީ ހިދުމަތްތެރިން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް މިނިސްޓަރު ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

"އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީތަކުގެ ތެރެއިން މުޅިން ނިމި ހިދުމަތް ދެވެން ފެށުނު ރޭ މިއީ. އަދި ވަކިން ހާއްސަކޮށް ފާހަގަކޮށްލާ ހިތްވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވި ފަތުރުވެރިކަން ވެސް ހުޅުވި ފަތުރުވެރިންނަށް ހިދުމަތް ދޭން ފެށުމާއި ފައްތަރު މަތީގައި މި ތަންތަން ހުޅުވޭ ހިސާބަށް އައުމަކީ އަޅުގަނޑުމެނަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް އަޅުގަނޑު ދެކެން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑްގެ ނުރައްކަލަށް އަދި އެއްވެސް ބަދަލެއް އައިސްފައިނުވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ޑޮކްޓަރުންގެ ލަފަޔާއި އެކު ކުރިއަށް ދިއުމަށް ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރިވެފަ އެވެ.