ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް މިހާރު ހެކި ލިބިފައިވާ ކަމަށް ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭ ފަޅުތެރޭ އޮތް ސަފާރީއެއްގައި ކެންޔާއަށް ނިސްބަތްވާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަތިހު 5:00 ގައިއެވެ. އޭގެ ތިން ހަފްތާއެއްހާ ދުވަސް ފަހުން ފުރަތަމަ ފަހަަރަށް ފުލުހުން ވަނީ މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މަންނާނު އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އަދި ސަފާރީ ކޭސް ތަހުގީގުކުރާ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ޗީފް އިންސްޕެކްޓަރު މަރިޔަމް އަޒްމާ ބައިވެރިވެވަޑައިގަތް އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާތަނަށް ތިލަވެފައި ނެތް މާ ބޮޑު އާ މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ. މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރި ގިނަ މައުލޫމާތުތަކަކީ، ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީގައި ފުލުހުން ދެއްވި މައުލޫމާތުތަކެވެ. އާ މައުލޫމާތުތަކަށް ފުލުހުން ހާމަކޮށްފައިވަނީ، މި މައްސަލައާ ގުޅިގެން އެ އަންހެން މީހާގެ ފޯނު މޫދު އަޑިން ހޯދި ކަމާއި 11 މީހެއްގެ ބަޔާން ނެގި ކަމެވެ. އޭގެ ތެރޭގައި ސަފާރީގައި ތިބި ހަތް މީހަކު ހިމެނެއެވެ. އަދި މި މައްސަލައިިގައި ދައުވާ ކުރުމާ މެދު ޕްރޮސެކުއުޓާ ޖެނެރަލް (ޕީޖީ)އާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ނޫސްވެރިންގެ ބައްދަލުވުމުގައި މާ ބޮޑު އާ ވާހަކަތަކެއް ހާމައެއް ނުވޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ނޫސްވެރިންގެ ބައްދަލުވުމަށްވުމަށްފަހު، ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަންނާނު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރެވޭވަރަށް ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު މިކުރަނީ ދައުވާއެއް ކުރެވޭނެ ކަމަށް. އެހެން ނަމަވެސް އެކަން ނިންމަވާނީ ޕީޖީން. އެކަމާ ގުޅޭ ގޮތުން ޕީޖީއާއެކު މި ދަނީ މަޝަވަރާ ކުރަމުން،" މަންނާން ވިދާޅުވިއެވެ.

ކިހާ ދުވަހެއްގެ ތެރޭ ދައުވާ ކުރަން ފޮނުވޭނެތޯ "ސަން" އިން ސުވާލު ކުރުމުން މަންނާން ވިދާޅުވީ، މާ ލަސްތަކެއް ނުވެ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަންނާން ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވެނީ ހައްޔަރު ކުރި ދެމީހުންނަށް ކަމަށެވެ. އަދި އެ ދެމީހުންނަށް ކުރަނީވެސް ޖިންސީ ގޯނާގެ ތުހުމަތެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަންނާން ވާހަކަ ދައްކަވަނީ: ސަފާރީ މައްސަލައިގައި ތުހުމަތު ކުރެވެނީ، ހައްޔަރު ކުރި ދެމީހުންނަށް ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންނަކީ، އަންހެން މީހާ ސަފާރީން މޫދަށް ފުންމާލުމުން އެނާ ސަލާމަތްކޮށް ޑިންގީގައި ހުޅުމާލެއަށް ގެންދިޔަ ދެމީހުން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މަންނާނު ވިދާޅުވީ، އެ ދެމީހުން ހައްޔަރުކޮށްފައި ނުވަނީ، އެމީހުން ހައްޔަރުކުރުމުން 30 ދުވަސް ތެރޭގައި ދައުވާ ކުރަންޖެހޭތީ ކަމަށެވެ. އެ ދެ މީހުން ދޫކޮށްލީ ގާނޫނުގައި ބުނާ އެ މުއްދަތުގައި ހެކި ހޯދައި ތަހުގީގު ފުރިހަމަ ނުކުރެވިއްޖެނަމަ، އެ މައްސަލައިގައި ދެން ދައުވާ ނުކުރެވޭނެ ކަމަށް ގާނޫނު ބުނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވާ ގޮތަކީ، ހައްޔަރުކޮށްފިއްޔާ އެ ޕީރިއަޑް ތެރޭ [30 ދުވަހުގެ ތެރޭ] ދައުވާ ކުރަން ހުށަހަޅަން ޖެހޭ. ހުށަނާޅައިފި ނަމަ މައްސަލައިގައި ދައުވާ ނުކުރެވެނެ. އެހެންވީމަ، އަޅުގަނޑުމެން ހައްޔަރު ކުރާނީ ވަރަށް ވިސްނާފައި. އެހެން ނަމަވެސް މީގެ އެއްވެސް މާނައެއް ނޫން މައްސަލައަކާ ގުޅިގެން ޝަރީއަތަށް ހާޒިރު ނުވެދާނެތީ، ނުވަތަ ހެކި ނައްތާލަފާނެތީ އެ ކަންބޮޑުވުން އޮންނަ މީހާ ހައްޔަރު ނުކުރާނެއެކޭ ނޫން،" ސަފާރީގެ މައްސަލައިގައި ތުހުމަތުވާ މީހުން ހައްޔަރުނުކުރި ސަބަބު ހާމަ ކުރައްވައި މަންނާން ވިދާޅުވިއެވެ.

ތުހުމަތުވާ މީހުންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވުނު ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމުގައި މަންނާން ވިދާޅުވީ، އަންހެން މީހާ މޫދަށް ފުންމާލާނީ ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ހިނގުމުން ކަމަށް ބެލެވޭ ކަމަށެވެ.

އެކަމަކީ، ރޭޕްތޯ "ސަން" އިން ސުވާލު ކުރުމުން، އެ ސުވާލަށް ސީދާ ޖަވާބު ނުދެއްވައި، މަންނާން ވިދާޅުވީ، އެމީހުންނަށް ކުރަނީ ޖިންސީ ގޯނާގެ ތުހުމަތު ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އަކަކަކީ، މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުންނެވެ. އެހެން ކަމުން މި މައްސަލަ ބެލުމުގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެެއެވެ. އަދި އަންހެން މީހާގެ ވާހަކަތައް ބަދަލު ކުރަން އޭނާއަށް ފައިސާވެސް ހުށަހަޅާފައިވާކަން ބައެއް މީހުން ތުހުމަތު ކުރެއެވެ.

މަންނާނު ވިދާޅުވީ، އަންހެން މީހާ ކަން ހިނގި އަސްލު ގޮތް ބަދަލު ކުރުމަށް ފައިސާ ހުށަހެޅި ކަމަށް ފުލުހުންނަށް އެނގިފައި ނެތް ކަމަށެވެ. އެ މަގަށް ތަހުގީގު ކުރިއަށް ދޭތޯ ސުވާލު ކުރުމުން މަންނާނު ވިދާޅުވީ އެގޮތަށް ތަހުގީގުކޮށްފައި ނުވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް ބަޝީރު ވިދާޅުވީ، ސަފާރީ މައްސަލައިގައި ފުލުހުން ތަފާތު ގޮތަކަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި މި މައްސަލައިގައިވެސް އަމަލުކޮށްފައި ވަނީ، ޖިންސީ ގޯނާގެ އެހެން މައްސަލަތަކުގައި އަމަލުކުރަމުން އަންނަ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަންހެން މީހާ ޑޮކްޓަރަށް ދެއްކުންވެސް ލަސްވިކަމަށް ގަބޫލުނުކުރާ ކަމަށާއި ތަހުގީގަށް ކޮންމެހެން މުހިއްމު ހެކިތަކެއް ވެސް ގެއްލިފައި ނުވާ ކަމަށް ބަޝީރު ވިދާޅުވިއެވެ.