16 Jul 2020, 20:40
ލ. ގަމުގައި މަސް ފެންގަނޑަކަށް ވެއްޓުނު އުމުރުން 14 މަހުގެ ކުއްޖެއްގެ ހާލު ސީރިއަސްވެ ގަން ރީޖިނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ގަން ރީޖިނަލް ހޮސްޕިޓަލްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ފިރިހެން ކުއްޖާ ހޮސްޕިޓަލަށް ގެނައީ މިއަދު އިރުއޮއްސުނު ވަގުތު ކަމަށެވެ.
"ހާލު އެހާ ރަނގަޅެއް ނޫން. އައިސީޔޫގައި ފަރުވާދެމުންދަނީ،" އޮފިޝަލް ވިދާޅުވިއެވެ.
އެ ހާދިސާ ހިނގި ގޮތުގެ ތަފްސީލު އަދި ނުލިބެއެވެ.
މީގެކުރިން ވެސް ގަމުގައި ވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ގަމުގައި އުމުރުން ދެ އަހަރުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި ހޭނެތުނެވެ. ގިނަ ދުވަސްތަކެއްވަންދެން އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ފަރުވާއަށް އެ ކުއްޖާ އިންޑިއާއަށް ގެންދިޔައެވެ.