ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ ނައިބް ރައީސަކަށް މުހައްމަދު މާހިރު އީސަ އިންތިހާބް ކުރައްވައިފި އެވެ.

އެލްޖީއޭ ބޯޑުގެ ނައިބް ރައީސަކަށް މާހިރު އިންތިހާބް ކޮށްފައިވަނީ މިއަދު ބޭއްވި އެ ބޯޑުގެ 10 ވަނަ ބައްދަލުވުމުގަ އެވެ. މާހިރަކީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު 2020 ގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ލޯކަލް ގަވަވެންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި އެ ބޯޑަށް ހަތް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޔަނު ކުރައްވާފަ އެވެ.

އެލްޖީއޭގެ ބޯޑުގައި ހިމެނޭ ބޭފުޅުން

  1. އިމްރާން ޢަބްދުﷲ (ރައީސް) - މިނިސްޓާ އޮފް ހޯމްއެފެއާޒް
    (ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރު)

  2. މުހައްމަދު މާހިރު އީސާ (ނައިބް ރައީސް) - މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްއެފެއާޒް
  3. ފާތިމަތު އަފްޝަން ލަތީފް - ޗީފް އެގްޒެކެޓިވް އޮފިސަރު
  4. މުހައްމަދު ޝިހާބު (އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް) - ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
  5. އަހުމަދު ސަމީރު - މިނިސްޓަރު އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް) - ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
  6. އަހުމަދު ޝަރީފް - މިނިސްޓާއޮފް ސްޓޭޓް ފޯ ފިނޭންސް
  7. ފާތިމަތު ނިއުމާ - މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނައިބު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވާފައިވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ.

އެ އިސްލާހުގައި ވާގޮތުން އެލްޖީއޭއަށް ރައީސުލްޖުމްހޫރިއްޔާ ހަތް މެމްބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެލްޖީއޭއަށް އައްޔަން ކުރާ މެމްބަރުން ނަކީ މިހާރު ދައުލަތުން މުސާރަދޭ މަގާމެއްގައި ހުރި މީހެއް ނަމަ އެނާއަށް އިތުރު މުސާރައެއް ދޭން ނުޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ގާނޫނުން އެލްޖީއޭއަށް ގިނަ ބާރުުތަކެއް ވަނީ ދީފައެވެ. އެގޮތުން ވަގުތީ އިންތިޒާމްގެ ސަބަބުން ކައުންސިލް އިދާރާ ހިންގާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި ކައުންސިލް އިދާރާ ހިންގާނެ އުސޫލުތައް ގާނޫނަށް އަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި އެލްޖީއޭއިން އެކުލަވާލާ ކައުންސިލްތަކަށް ފޮނުވަން ޖެހޭނެއެވެ.

އަދި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އެލްޖީއޭ އިންނެވެ.

އިންތިގާލީ މުއްދަތުގައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ކައުންސިލްތަކުން ދީ، އެ ގާނޫނުގެ ދަށުން ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަކީ އެލްޖީއޭގެ ޒިންމާއެކެވެ.

އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލުގެ އިހުތިސާސް ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ރައުސުލްމާލެއް ވިއްކުމާއި ހަމަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި، އެހެން ފަރާތަކަށް އަގެއް ނުލިބޭގޮތަށް ދިނުމާއި ނުވަތަ ހަވާލު ކުރުމާއި، ކައުންސިލު ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި، ދަރަންޏަށް ފައިސާ ދިނުމާއި، އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓް ކުރުމާއި، ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި، ސަޕްލިމެންޓްރީ ބެޖެޓް ފާސް ކުރުމާއި ކައުންސިލުގެ އިދާރާގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، ކައުންސިލަށް މުވައްޒަފުން ލުމާއި ވަކިކުރުމުގެ ކަންކަން ކުރަންވާނީ އެލްޖީއޭގެ ހުއްދަ ހޯދުމަށް ފަހު ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ.