16 Jul 2020, 16:30
ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި 11 މީހެއްގެ ބަޔާން ނަގައި، ގޯނާލިބުނު އަންހެން މީހާގެ ފޯނު ސަފާރީ އޮތް ސަރަހައްދުން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އުމުރުން 27 އަހަރުގެ ކެންޔާ އަންހެނަކަށް ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަތިހު 05:00 ހާއިރު އެވެ.
އެ މައްސަލަ ރިޕޯޓުކުރީ ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުން ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.
ފުލުހުން ބުނީ މައްސަލަ ހުށަހެޅި ވަގުތު އަންހެން މީހާ ފުރަތަމަ ބުނީ ތުހުމަތުވާ ދެމީހުން އޭނާގެ ފޯނު އަތުލައި، ފޯނު ނުދީގެން އުޅޭ ވާހަކަ ކަމަށެވެ.
ނަމަވެސް އެ ވާހަކައިގެ ތެރެއިން އޭނާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނި ކަމަށާއި، އެހިސާބުން ތުހުމަތުވާ ދެމީހުން ހައްޔަރުކޮށް، ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ފެށިގެން ދިޔަ ކަމަށެވެ.
މައްސަލައިގެ ތުހުމަތުގައި ދެ ދިވެހީން ހައްޔަރުކުރުމަށް ފަހު ހަމަ އެދުވަހު ވަނީ ދޫކޮށްލައިފައެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޭސް ތަހުގީގުު ކުރުމަށް ހަވާލުވެ ހުރި ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރްޔަމް އަޒްމާ ވިދާޅުވީ، މައްސަލައިގައި ސީން އޮފް ކްރައިމް ޕްރޮސެސް ކުރެވި، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.
އަދި މައްސަލައާ ގުޅިގެން 11 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުންގެ ފޮރެންސިކް ޑައިވިން ޓީމުން، އެ ސަފާރީ އަޅާފައިވާ ސަރަހައްދަށް ޑައިވްކޮށް ވިކްޓިމްގެ ފޯނު ހޯދާފައިވާ ކަމަށް ވެސް އަޒްމާ ވިދާޅުވިއެވެ.
ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް މިއަދު ވިދާޅުވީ މައްސަލައިގައި ހައްޔަރުުކޮށް ދޫކޮށްލި ދެމީހުން ފިޔަވައި އިތުރު މީހަކަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށެވެ.
އަދި މިހާރު މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް މަންނާނު ވިދާޅުވިއެވެ.