05 Jan 2012, 12:29
އެސްއެމްއެސް މެދުވެރިކޮށް އޭޑިކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޑިއުޓީ ބެލޭނެގޮތް ހަމަ ޖައްސައިފި އެވެ.
އޭޑިކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ އެސްއެމްއެސް މެދުވެރިކޮށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޑިއުޓީ ބެލޭނެގޮތް މިދިއަ ހަފުތާއިން ފެށިގެން ތައާރަފުކޮށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ޕްރައިވެޓް ބޮޑު ހޮސްޕިޓަލުން ފެށި ހިދުމަތުގައި 235 އަށް ހުސް އެސްއެމްއެސް އެއް ފޮނުވާލުމުން އެ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޑިއުޓީ ހަމަޖެހިފައިވާ ގޮތާއި ޑިއުޓީ ގަޑިތަކާއި ޑޮކްޓަރުންގެ ކިއު ނަންބަރު ފޯނަށް ލިބެ އެވެ.
މީގެ އިތުރުން ވަކި ޑޮކްޓަރެއްގެ ޑިއުޓީ ބަލަން ބޭނުންނަމަ ޑޮކްޓަރުގެ ނަން ޖަހާފައި އެސްއެމްއެސް ފޮނުވުމުން ޑޮކްޓަރެއްގެ ޑިއުޓީ ރޭވިފައި އޮތް ގޮތުގެ މައުލޫމާތާއި މެމޯ ހެއްދުމަށްފަހު މެމޯ ނަންބަރު ޖަހާފައި ފޮވުމުން ޑޮކްޓަރު ބައްލަވާ ނަންބަރާއި ކިޔޫގައި އެމީހަކު ހުރި ހިސާބު ވެސް ފޮނުވައިދެ އެވެ.
އޭޑީކޭން ބުނީ އެސްއެމްއެސް ފޮނުވާތާ 15 ސިކުންތު ގެ ތެރޭގައި ފޯނަށް އެ މައުލޫމާތެއް ލިބޭނެ ކަމަށެވެ.
''މި ގޮތަށް ކަންތައް ކުރީމަ ފަސޭހަތަކެއް އެބަވޭ އާންމުނަށާއި އަޅުގަނޑެމެންގެ އޮޕަރޭޝަންސް ތަކަށް. އަޅުގަނޑުމެން ބެލި ބެލުމުން އެންމެ ގިނައިން މީހުން ފޯނުކުރާނީ ޑޮކްޓަރުގެ ޑިއުޓީ ބެލުމަށާއި ކިއު ބެލުމަށް. އެހެންވީމަ އެއީ ވަރަށް ބޮޑު ލޯޑެއް އަޅުގަނޑުމެންގެ ފޯނުތަކަށް.'' އޭނާ ވިދާޅުވިއެވެ.
އޭޑިކޭއިން މި ހިދުމަތް ތައާރަފް ކުރި ނަމަވެސް މިވަގުތު ހިދުމަތް ލިބެނީ ދިރާގުގެ ފޯނު ހިދުމަތް ހޯދާ ފަރާތްތަކަށެވެ. ނަމަވެސް އަފްއާލް ވިދާޅުވީ ވަތަނިޔާ ކަސްޓަމަރުންނަށް 235 އަށް އެސްއެމްއެސް ފޮނުވައިގެން މި ހިދުމަތް ލިބޭނެ ގޮތް ވެސް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.
"މި ގޮތަށް ހަމަ ޖެއްސުމުން ޑޮކްޓަރަށް ދެއްކުމަށް ނަންބަރު ނެގުމަށްފަހު ހޮސްޕިޓަލް ތެރޭގައި ތިބޭ މީހުން މަދުވެގެންދާނެ،" އަފްއާލް ވިދާޅުވި އެވެ.