16 Jul 2020, 17:13
ހުޅުމާލޭގައި މިދިޔަ ހޯމަ ދުވަހު ބިދޭސީން ކުރި މުޒާހަރާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު، ހުޅުމާލެއާއި އެހެން ސަރަހައްދުގެ ފުލުހުންނާ ބައްދަލުކުރައްވައިފިއެވެ.
ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދައި ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުން މުސާރަ ނުލިބޭ މައްސަލައިގައި މުޒާހަރާކޮށް ފުލުހުންނަށް ވަނީ ހަމަލާދީފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ފުލުހުންނަށް ޝުކުރު އަދާކުރެއްވުމަށް ކުރިއަށް ގެންިދޔަ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ : ޕޮލިސް
މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ފުލުހުންނާ ބައްދަލުކޮށް، ހޯމަ ދުވަހު ކުރިއަށް ދިޔަ މުޒާހަރާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށާއި އަވަސް ފިޔަވަޅުތަކާއި ހިތްވަރަށް ޝުކުރު އަދާކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ޕްރޮފެޝަނަލިޒަމް އާއި އިޖުތިމާއީ ގުޅުމުގެ މުހިއްމު ކަމަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމަށްވެސް ހަމީދު ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގައި 41 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެ މީހުންގެ ބައްދަށް ވަނީ މިހާރު 15 ޖަހާފައެވެ.
އެ ހަމަނުޖެހުމުގައި ފުލުހުންގެ ބަޔަކަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.