16 Jul 2020, 15:01
އާންމު ހިދުމަަތެއް ފޯރުކޮށްދިނުމަށް، ކޮވިޑް19ގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް ކަރަންޓީނު ނުވެ، ކުރު މުއްދަތަކަށް ރަށުގައި މަޑުކުރެވޭނެ ގޮތަށް އުސޫލު އެކުލަވާލައި އާންމުކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު އާންމު ކުރި އުސޫލުގައި ބުނެފައި ވަނީ ކޮވިޑް19ގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް އެރަށުގައި ދެވޭ އާންމު ހިދުމަތްތައް ކަމުގަައިވާ ޔުޓިލިޓީޒް، މެއިންޓެނެންސް އަދި ހިންގަމުންދާ ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ކަމަށެވެ.
އަދި އެ އުސޫލުގެ މަގުސަދަކީ ކަރަންޓީނުވުމަކާ ނުލާ އެފަދަ މަސައްކަތްކުރާ ފަރާތްތައް ކުރު މުއްދަތަކަށް ރަށްރަށަށް ގޮސް މަސައްކަތްކުރުމުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަޔާންކޮށް އަންގައިދިނުން ކަމަށެވެ.
އެޗުޕީއޭ އިން ބުނީ އެފަދަ މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދަތުރުކުރަން ޖެހޭ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން ހުއްދަ ނަގަންޖެހޭނެ ކަމަށާއި އަދި ދަތުރުކުރާ ރަށުގެ ކައުންސިލަށް އެކަމުގެ މައުލޫމާތު ދޭންވާނެ ކަމަށެވެ.
ދާއިރާތައް:
ކޭބަލް އަދި މީޑިއާ ނެޓްވޯކްގެ ހިދުމަތްތައް
- ބޭންކުގެ ހިދުމަތް
- ވޯޓާ ސަޕްލައި، ކަރަންޓު ފަދަ ޔުޓިލިޓީ ހިދުމަތްތައް
- ސިއްހީ ހިދުމަތްދޭ ތަންތަނުގެ ކަންތައް ބެލުމާއި ވަގުތީ ގޮތުން ދޭންޖެހޭ ހިދުމަތްތައް
- މެއިންޓެނެންސް މަސައްކަތް
- ސަރުުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓު މަސައްކަތް
- މި ނޫންވެސް އާންމު ހިދުމަތްތަކާ ގުޅޭ އެހެނިހެން މަސައްކަތްތައް
ދަތުރުކުރުމުގެ ހުއްދަ ހޯދުމަށް، ދަތުރުކުރަން އެދޭ މުއައްސަސާއިން[email protected]އަށް މެއިލް ކުރުމުގެ އިތުރުން،[email protected]މެއިލް އަށް ކޮޕީކުރަން ޖެހޭނެ އެވެ.
އެ މެއިލްގައި މުއައްސަސާގެ ނަމާއި، ދަތުރުކުރަން ބޭނުންވާ މީހުންގެ ނަމާއި، މިހާރު އުޅޭ އެޑްރެހާއި، މަގާމު ނުވަތަ ހައިސިއްޔަތު، އައިޑީކާޑޫ ނަންބަރާއި ފޯނު ނަންބަރާއި ހިދުމަތް ފޯރުކޮށްދޭން ދާ ރަށާއި ހުންނަން ހަމަޖެހިފައިވާ ތަނުގެ މައުލޫމާތާިއ ދަތުރުކުރާ ތާަރީހާއި އެނބުރި އަންނަ ތާރީހާއި މަސައްކަތުގެ ތަފްސީލް ހިމަނަން ޖެހޭނެއެވެ.
މަސައްކަތް ހިންގާ މުއައްސަސާގެ ޒިންމާ:
އުސޫލުގައި ބުނެފައިވާ ގޮތުން މުވައްޒަފުންނަށް ހުއްދަ ހޯދުމަކީ މުއައްސަސާގެ ޒިންމާއެކެވެ. އަދި ފޮނުވާ މުވައްޒަފުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް، އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓު ވެފައިވާ މީހެއް ނޫންކަން ވެސް ކަށަވަރުކުރަންޖެހޭނެއެވެ.
މީގެ އިތުރުން މުވައްޒަފަކު ކޮވިޑަށް ޓެސްޓުކޮށްފައި ވާނަމަ، ނަތީޖާ ނުލިބެނީސް އެ މުވައްޒަފު ރަށުން ބޭރަށް ފޮނުވައިގެން ނުވާނެ ކަމަށާއި ރަށުން ބޭރުގައި ހުއްޓާ މުވައްޒަފުގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ކަނޑައަޅާފައިވާ ގޮތަށް ރިޕޯޓު ކުރުމަކީ ވެސް މުއައްސަސާގެ ޒިންމާއެކެވެ.
ފުލުހުން ދީފައިިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން ކައުންސިލާ ހަވާލުކުރުމާއި މަސައްކަތަށް ދާ މުވައްޒަފުންނަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށާއި ދަތުރު ކުރާ މީހުންގެ ރަށުގެ ރައްޔިތުންނާ ވަކިން ތިބެވޭނެ އިންތިޒާމާއި ކެއިންބުއިމުގެ އިންތިޒާމް ވެސް ވަކިން ހަމަޖައްސަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.
ހަމައެއާއެކު މަސައްކަތް ނިމުނުހާ އަވަހަކަށް، ރަށަށް ދިޔަ ޓީމު އަނބުރާ ގެނައުމަކީ ވެސް މުއައްސަސާގެ ޒިންމާއެކެވެ.
ރަށްރަށަށް ދަތުރުކުރާ މީހުން އަމަލުކުރާނެ ގޮތް:
އާންމު ހިދުމަތެއް ދިނުމަށް، ކޮވިޑް ފެތުރިފައިވާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ މީހުން، ދަތުރު ކުރުމުގެ ކުރިން ހުއްދަ އޮތްކަން ކަށަވަރުކުރަން ޖެހޭނެ އެވެ. އަދި ދަތުރުކުރަން ޖެހޭނީ ވެސް އެ ހުއްދަ ހިފައިިގެންނެވެ.
މީގެ އިިތުރުން ދަތުރުކުރާއިރު އާއި މަސައްކަތުގައި އުޅޭއިރު އުޅެންޖެހޭނީ މާސްކް އަޅައިގެންނެވެ. ރަށަށް ދިއުމަށް ފަހު ސީދާ މަސައްކަތް ކުރާ ތަން ނުވަތަ ހުރުމަށް ހަމަޖެހިފައިވާތަން ފިޔަވައި އިތުރު އެހެން ތަންތަނަށް، ޒަރޫރީ ހާލަތެއްގައި މެނުވީ ގޮސްގެން ނުވާނެ އެވެ.
ރަށުގެ އެހެން މީހުންނާ ބައްދަލުކޮށް ހެދުމާއި، ރެސްޓޯރަންޓު ފަދަ ތަންތަނަށް ނުދިއުމަށާއި އެޗްޕީއޭ އިން ދީފައިވާ އާންމު އިރުޝާދުތަކަށް ބޯލަނބައި ސާފުތާހިރު ކަމަށް އިސްކަން ދޭންޖެހޭނެ އެވެ.
މިހާތަނަށް ރާއްޖެއިން 2،931 މީހަކަށް ވައިރަސް ޖެހިފައި ވާއިރު، ކޮމިއުނިޓީ ސްޕްރެޑެއް އޮތީ ވެރިިރަށް މާލޭގަ އެވެ.