އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު މި މަހުގެ 29 ގައި ބާއްވަން ނިންމައިފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާތީ، އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގެ 15.8 ވަނަ މާއްދާގައި ވާގޮތުގެ މަތިން އެސޯސިއޭޝަނުގެ އިންތހާބު މި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް މިހާރުގެ ހިންގާ ކޮމިޓީން ވަނީ ނިންމާފަ އެވެ.

އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އަށް އިންތާބުވުމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12 އާ ހަމަޔަށް އެ ފުރުސަތުތައް ހުޅުވާލެވިފައި އޮތް އިރު ކުރިމަތިލެވޭނެ މަގާމުތަކަކީ ރައީސް، ނައިބް ރައީސް، ހަޒާންދާރު، އިތުރު ތިން މެމްބަރުން އަދި އަންހެން މެމްބަރެކެވެ. މި އިންތިހާބު އެ އެސޯސިއޭޝަނުގެ އަހަރީ އާއްމު ޖަލްސާއާ އެކު ބާއްވަން ނިންމާފައިވާ އިރު، މި އިންތިހާބު އޮންނާނެ ތަނެއް ފަހުން އަންގާނެ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.

މިދުވަސްވަރު ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން އިންތިހާބު ބޭއްވުމުގެ ހުއްދައަކަށް މިހާރު ވަނީ އެދިފަ އެވެ. ދާދި ފަހުން ބޭއްވި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބީ ކޮންގްރެސްގެ ތެރެއިން ވެސް ކޮވިޑްއަށް ޕޮޒިޓިވް ކޮންޓެކްޓެއް ފެނުމުން އެ އިވެންޓުގައި ބައިވެރިވި ހުރިހާ އެންމެން ވަނީ 14 ދުވަހަށް އައިސޮލޭޓް ވުމަށް އަންގާފަ އެވެ.

އެސޯސިއޭޝަން އުފެދިގެން އައުމާ އެކު އެސޯސިއޭޝަނުގެ ފުރަތަމަ އިންތިހާބީ ރައީސްގެ މަގާމު އަދާކޮށްފައި ވަނީ މައިޒާން އަލިމަނިކު (އަލިބެ) އެވެ. އަލިބެ 2008-2012 އަށް އެ މަގާމު ފުރުއްވި އިރު 2012 ވަނަ އަހަރުން ފެށިގެން އެ މަގާމު ފުރުއްވަމުން އައީ މުހައްމަދު ތޮލާލް އެވެ. ތޮލާލް އެ މަގާމުގައި އަންނަ ދައުރުގައި ހުރުމަށް ކުރިމަތިލައްވާނެ ކަން އަދި ހާމައެއް ނުކުރެ އެވެ.

އެތުލެޓިކްސް އަކީ މިފަހަކަށް އައިސް ރާއްޖޭގެ އެތުލީޓުން އެންމެ ގިނަ ކާމިޔާބީތަކާއި ކުރިއެރުންތައް ހޯދަމުން އަންނަ ކުޅިވަރެވެ. އެގޮތުން އެތުލެޓިކްސްގެ ދުވުމުގެ އިވެންޓުން ރާއްޖެއިން ވަނީ ސަރަހައްދީ އެންމެ ބޮޑު ދެ ގޭމްސް ކަމަށްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި، ސައުތު އޭޝިއަން ގޭމްސްގައި ވެސް ރަން މެޑަލް ހޯދައިފަ އެވެ.