ކޮރޯނާއާ ގުޅިގެން މުޅި ދުނިޔޭގައިވެސް ކުޑަކުދިންނަށް ވެކްސިންދޭ މިންވަރު ވަރަށް ބޮޑަށް ވެއްޓިއްޖެއެވެ.

އެގޮތުން ޑިޕްތީރިއާ، ޓެޓްނަސް އަދި ހޯއްގޮވާ ކެއްސުމަށް ވެކްސިންދޭ މިންވަރު ފާއިތުވި 30 އަހަރު ތެރޭ ނުވެއްޓޭހާ ވަރަށް މިއަހަރުގެ ފުރަތަމަ ހަތަރު މަހު ވެއްޓިފައިވާކަމަށް ވަނީ ބުނެފައެވެ.

ވެކްސިންދޭ މިންވަރު ދަށްވުމުން ކޮރޯނާ ޖެހިގެން މަރުވާ ވަރަށްވުރެ ވެކްސިން ޖަހާ ބަލިތަކުގައި މަރުވާ މިންވަރު އިތުރުވެދާނެކަމަށް ޑަބްލިއުއެޗްއޯގެ ހެޑް ޑރ. ޓެޑްރޯސް ގެބްރެސެޔަސް ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯއިން ކުރި ސާވޭއެއްގައި ބައިވެރިވި 80 ގައުމުގެ ތެރެއިން ތިން ބައިކުޅަ ދެ ބައި ގައުމުތަކުގައި ވެކްސިން ދޭ މިންވަރު ވަނީ ވެއްޓިފައެވެ.

ވެކްސިން ދޭން ދަށްވި ސަބަބުތަކުގެ ތެރޭގައި ސިއްހީ ދާއިރާތަކުގެ މީހުން ބޭނުންކުރާނެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ދަށްވުމާއި މީހުން ގެއިން ބޭރަށް ދާން ބޭނުންނުވުމާއި ދަތުރު ފަތުރުކުރުމުގައި ދިމާވި ހުރަސްތައް ހިމެނެއެވެ.

ޔުނިސެފްގެ ހެޑް ހެންރިއެޓޭ ފޮރޭވެސް ވިދާޅުވީ ވެކްސިން ދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ.

" ވެކްސިންދޭ މިންވަރު އިތުރަށް ދަށްވިޔަ ދީގެން ނުވާނެ. ކޮވިޑްފަދަ ވަބާއަކާ ހުރެ އެހެން ވަބާއެއް ފެތުރިގެން ދިޔަ ނުދާނެ" ހެންރިއެޓޭ ވިދާޅުވިއެވެ.--ބީބީސީ--