އަލަށް ކައިވެނިކުރާ ފަރާތްތަކަށް ފެމިލީ ކޯޓުން ހިންގާ ކާވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހަފުތާއަކު ދެ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ކުރިން ހިންގީ ހަފުތާއަކު އެއްދުވަހު އެވެ.

ޕެމިލީ ކޯޓުގެ ރަޖިސްޓްރާ އަހުމަދު އަބްދުﷲ މިއަދު ވިދާޅުވީ ދެ ދުވަހު ޕްރޮގްރާމް ހިންގަން ނިންމީ ހަފުތާއަކު އެއް ދުވަހު ބާއްވާތީ ދިމާވާ ދަތިތައް ހައްލު ކުރުމަށް ކަމަށާއި މި މަހުން ފެށިގެން ހަފުތާގެ ހޮނިރު ދުވަހާއި އަންގާރަ ދުވަހު ވެސް ޕްރޮގްރާމް ހިންގާނެ ކަމަށެވެ.

"މިބަދަލާ ގުޅިގެން އަލަށް ކައިވެނި ކުރާ މީހުންނަށް ޕްރޮގްރާމް ފުރިހަމަ ކުރަން ފަސޭހަވާނެ،" އޭނާ ވިދާޅުވި އެވެ."ކައިވެނިކުރަން ހުށަހަޅާ ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު ވެސް ކައިވެނިތައް އޮވޭ، އެހެންވެ އެންމެ ދުވަހަކު މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ހަފްތާއަކު ދެ ދުވަހު ބާއްވަން ހަމަޖެއްސީ،"

ރަޖިސްޓްރާ ވިދާޅުވީ ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްއަކީ އަލަށް ކައިވެނިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމުގައި ވީނަމަވެސް ކުރިއަށް އޮތް ތަނުގައި މީހުންނާއި އިނދެފައި ތިބި މީހުންނަށް ވެސް މިޕްރޮގްރާމް ކުރިއަށް ގެންދަން ވެސް ވިސްނާ ކަމަށެވެ.

ހަތަރު ގަޑިއިރުގެ ޕްރޮގްރާމްގައި ބައިވެރިވެ، ފެމިލީ ކޯޓަށް ސެޓްފިކެޓް ހުށަހެޅުމުން ނޫނީ އަލަށް ކައިވެނިކުރުމަށް އެދޭ ފަރާތްތަކަށް ކައިވެނި ކޮށެއްނުދެ އެވެ.