19:00


އެކިއެކި ތުހުމަތު ތަކުގައި ސިޔާސީ ލީޑަރުންނާއި އާއްމު ފަރުދުން ބަންދު ކުރުމުގައާއި އަމަން އަމާން ކަން ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގައި ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ އިމުގެ ތެރެއިން ނޫންގޮތަކަށް މަސައްކަތް ނުކުރުމަށް ސިފައިންނަށާއި ފުލުހުންނަށް ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލައިފި އެވެ.


ހިއުމަން ރައިޓް ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން އެއްގޮތަކަށްވެސް ލިބިވަޑައިނުގެންނަވާ ކަމަށް ވިދާޅުވެ ކެބިނެޓްގެ ހުރިހާ މިނިސްޓަރުން އެއްފަހަރާ އިސްތިއުފާ ދެއްވުމުގެ ސަބަބުން ޤާނޫންއަސާސީން ރައްޔިތުންނަށް ލިބިދޭ ހައްޤުތަކާއި މިނިވަންކަން އަދި ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށްދޭ ހިދުމަތްތައް ލިބުމަށް ހުރަސް އެޅިފައިވާތީ މިކަމާ މެދު އެކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ. އަދި މިދަނޑިވަޅުގައި ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްކުރުމާއި، ރައްޔިތުންނަށް ލިބިދޭންޖެހޭ ހިދުމަތްތައް ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވީއެންމެ އަވަހަކަށް އެޅުމަށާއި ރައްޔިތުންނަށް ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް އިންތިޒާމްތައް ފަހިކޮށްދިނުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޝަންގެ އެބަޔާނުގައި ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.


މީގެއިތުރުން ދައުލަތުގެ ތިންބާރު ކަމުގައިވާ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ސުޕްރީމްކޯޓުގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް ޤައުމުގެ ހަމަޖެހުމާއި، ޤައުމީ މަސްލަހަތާއި، ރައްޔިތުންގެ ހައްޤުތަކަށާއި، އަދި އެއް މުއައްސަސާ އަނެއް މުއައްސަސާ އަށް އިހްތިރާމް ކުރުމުގެ ރޫހުގައި އެއްބަޔަކު އަނެއް ބަޔަކާ މަޝްވަރާ ކޮށްގެން މިވަގުތު ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އިސްކަން ދިނުމަށް އެކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.