16 Jul 2020, 10:28
ވޮޝިންޓަން (ޖުލައި 16) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ކެންޕޭން މެނޭޖަރު ބްރާޑް ޕާސްކޭލް މަގާމުން ދުރުކޮށް ބިލް ސްޓެޕިއެން އެމަގާމަށް އައްޔަން ކުރައްވައިފި އެވެ. ސްޓެޕިއެން މިހާތަނަށް ހުންނެވީ ކެންޕޭން މެނޭޖަރުގެ ނައިބުގެ މަގާމުގައެވެ.
ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާސްކޭލްގެ ބަދަލުގައި ކެންޕޭން މެނޭޖަރަކަށް ސްޓެޕިއެން ހަމަޖައްސާފައިވާ ކަމަށާއި މިއީ ސްޓެޕިއެން އަށް ދިން ޕްރޮމޯޝަނެއް ކަމުގަ އެވެ. މިބަދަލު ގެނައިކަމަށް ވިޔަސް ޓްރަމްޕްގެ ކެންޕޭން ޓީމުގެ އިސް ސަފުގައި ޕާސްކޭލް އަދި ވެސް ދެމިހުންނަވާނެކަން ޓްރަމްޕް ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ. ނަމަވެސް މިބަދަލު ގެންނަންޖެހުނު ސަބަބު ޓްރަމްޕް ހާމަކުރައްވާފައެއް ނުވެ އެވެ.
ޕާސްކޭލް އަކީ ޑިޖިޓަލް އެންޑް ގްރެފިކްސް ދާއިރާގެ ތަޖްރިބާކާރެކެވެ. މިބަދަލާއެކު ޕާސްކޭލް އާ ހަވާލުކޮށްފައި ވަނީ ޓްރަމްޕްގެ ކޭންޕޭންގެ ފަންނީ ބައިކަމަށްވާ "ގްރޭޓް ޑިޖިޓަލް އެންޑް ގްރެފިކަލް ސްޓްރެޓެޖީސް" އާ ބެހޭ ކަންތައްތަކެވެ.
ޓްރަމްޕް ރިޔާސީ ކްނޭޕޭން ކުރިޔަށް ގެންދަވާއިރު ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. މީގެތެރެއިން އެންމެ ބޮޑުގޮންޖެހުމަކީ ކޮވިޑް-19 އެމެރިކާގައި ކޮންޓްރޯލް ނުވެ ބާރަށް ފެތުރެމުންދާތީ ކެންޕޭންގެ ހަރަކާތްތަކަށް އޭގެ ހިޔަނި އެޅިފައިވުމެވެ. މީގެއިތުރުން ކޭންޕޭން އެއްވުންތަކަށް ސަޕޯޓަރުން ހާޒިރުވާ މިންވަރު މަދުވުމުގެ މައްސަލަ ވެސް ވަނީ ޓްރަމްޕްގެ ބޮލުގެ ރިހުމަކަށް ވެފަ އެވެ.
މިއީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ މައްސަލައެއް ކަމަށް ކޭންޕޭންގެ މަސްއޫލުވެރިން ވިދާޅުވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ ޓްރަމްޕަށް ރައްޔިތުންގެ ތާއީދު ކުޑަވެ އޭނާގެ ސަރުކާރުދެކެ އާންމުން ފޫހިވެފައިވުމަކީ ކޭންޕޭން އެއްވުންތަކަށް މީހުން ނުދާ މައިގަނޑު ސަބަބު ކަމަށް ސިފަކޮށްފަ އެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 3 ގައެވެ.
އިންތިޚާބަށް ގާތްގަނޑަކަށް ތިން މަސް ބައަށް ވެފައިވާއިރު ޓްރަމްޕްގެ ކޭންޕޭންގައި ފޯރި ވަނީ ކުޑަވެފަ އެވެ. މިކަމުގެ ސަބަބުން ޓްރަމްޕް މާޔޫސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޓްރަމްޕް ކޭންޕޭން އެއްވުންތައް ބާއްވާހާ ގިނައިން އޭނާގެ ވާދަވެރިޔާ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑެން އަދި އެއްވުންތައް ބާއްވަމުން ނުދެއެވެ. ނަމަވެސް ބައިޑެން ކޭންޕޭން އެއްވުންތަކުގައި ބައިވެރިވާ މީހުންގެ އަދަދު މާގިނަ ކަމަށްވެ އެވެ.
ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި އޭނާ ނާކާމިޔާބުވަމުންދާ މައްސަލަ މިއަހަރުތެރޭގައި ވަނީ ވަރަށް ބޮޑަށް ފެންމަތިވެފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސަރުކާރު މުޅިން ނާކާމިޔާބުވެފައިވާ މައްސަލައެވެ. މިކަމުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށްވަނީ ފާއިތުވި ބައިގަރުނުގެ ތެރޭގައިވެސް ނާންނަ ވަރުގެ ބޮޑު ހީނަރުކަމެއް އައިސް އެތަށް މިލިޔަން ބައެއްގެ ވަޒީފާތައްވަނީ ގެއްލިފައެވެ.
ޚިޔާލު ހޯދުމުގެ ސާވޭތަކުގެ ނަތީޖާތައް ދައްކާގޮތުން ޓްރަމްޕް ގެ މަގްބޫލުކަން ވަނީ އޭނާގެ ވާދަވެރިޔާ ޖޯ ބައިޑެން އަށްވުރެ 10 ޕޮއިންޓް ފަހަތުގައެވެ.
(ނޫސްއެޖެންސީތައް)