16 Jul 2020, 08:53
ދާދި ފަހުން މަރުވި ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ"ގެ ދެވަނަ ލަވަ ދައްކާލައިފި އެވެ.
"ތާރޭ ގިން" ގެ ނަމުން ނަންދީފައިވާ އެ ލަވައަށް ފިލްމުގެ ޓައިޓަލް ލަވަ އެކޭ އެއްފަދައިން އަންނަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މޯހިތު ޗޯހަން އާއި ޝްރެޔާ ގޯޝަލްގެ ހިތްގައިމު އަޑުން އިވިގެންދިޔަ އެ ލަވައާއި ގުޅޭގޮތުން ގިނަ ބަޔަކު ބުނަމުން ދަނީ މި ލަވައަކީ ދިލް ބޭޗާރާގެ އަލްބަމުގައި ހިމެނޭ އެންމެ ރީތި ލަވަކަށެވެ. މި އަލްބަމްގެ އޯޑިއޯ މިހާރު ވަނީ އިއްވާލާފައެވެ. މި ލަވަ ކޮމްޕޯސް ކުރީ ރަހްމާން (އޭއާރް ރަހްމާން) އެވެ. ލަވައިގެ ލިރިކްސް ހެދީ އަމީތާބް ބައްޓާޗާރިޔާ އެވެ.
މި ލަވައިން ދައްކުވައިދެނީ ފިލްމުގެ ތަރިން ކަމަށްވާ ސުޝާންތު އާއި ސަންޖަނާގެ ޕޮރޮމް ނައިޓްއަށް ދާ މަންޒަރުތަކެވެ. އަދި ސަންޖަނާގެ ޑްރީމް ޕްރޮމް ނައިޓުގެ ހިއްސާއަކަށް ސުޝާންތުވެގެންދާ ތަނެވެ.
ތާރޭ ގިން އަށް މިހާތަނަށް ވަނީ 8.5 މިލިއަން ވިއުސް ލިބިފައެވެ. އަދި 1.3މިލިއަން ލައިކްސް ލިބިފަ އެވެ.
ފިލްމުގެ ފުރަތަމަ ލަވައަކީ ސުޝާންތުގެ ނެށުމުގެ ހަރަކާތްތައް ފެނިގެން ދިޔަ ފިލްމެކެވެ.
އެކްޓަރު ސުޝާންތު އެންމެ ފަހު ފަހަރަށް ފެނިގެންދާ އެ ފިލްމު ވަނީ ޔޫޓިއުބްގައި 10 މިލިއަން ލައިކްސް ހޯދާ ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ. ޓްރެއިލާ ރިލީޒްކުރިތާ ހަ ދުވަސްތެރޭ އެ ޓްރެއިލާއަށް ވަނީ 70 މިލިއަން ވިއުސްވެސް ވަނީ ލިބިފަ އެވެ.
ޖޯން ގްރީންގެ "ދަ ފޯލްޓް އިން އަވާ ސްޓާސް"ގެ ހިންދީ ރީމޭކުގައި ސުޝާންތު އާއެކު ލީޑު ރޯލުން ފެނިގެންދާނީ ސަންޖަނާ ސަންގީ އެވެ.