05 Jan 2012, 11:07
އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި ބަދަލާއެކު މި މަހުން ފެށިގެން ރީތިވާ ސާމާނުން ޑިއުޓީ މާފު ވުމުން މަޝްހޫރު ސެންޓް ފިހާރަ ލެކިއުޓްގައި ވިއްކާ ސެންޓާއި ކޮސްމެޓިކްސް އަގު ހެޔޮކޮށްފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮރިޖިނަލް ސެންޓާއި ރީތިވާ ސާމާނުގެ ވިޔަފާރި ކުރާ ލިންޓަލް އިންވެސްޓްމަންޓުގެ ލެކިއުޓުން 1000ރ. ވިއްކާ ސެންޓުފުޅިއަކުން 100ރ. އާއި 200ރ. ވަނީ އަގު ހެޔޮކޮށްފަ އެވެ. ކޮސްމެޓިކްސްގެ ބާވަތްތަކުން ވެސް ހަމަ އެ އަދަދަށް ވަނީ އަގުތައް ތިރިއަށް ޖައްސައިފަ އެވެ.
ލިންޓަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޑިއުޓީ މާފު ކުރުމުގެ ކުރިން ގެނައި ބައެއް ސެންޓާއި ރީތިވާ ސާމާނު ވެސް ޑިއުޓީ ލުއިވި މިންވަރަށް އަގު ހެޔޮކޮށް އެ ފިހާރައިން ވިއްކަން ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެތަނުން ވިއްކާ ބާވްތްތައް ވިއްކާނީ އަގު ހެޔޮކޮށްގެން ކަމަށެވެ.
"ޑިއުޓީއަށް މިއައި ލުއި ކަމުގެ ފައިދާ އަޅުގަނޑުމެން ބޭނުން ކަސްޓަމަރުންނަށް ފޯރުކޮށްދޭން. އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއްކަމަށް ދެކިކެން މި ކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި ހިންގާ ލެކިއުޓްގެ ދެ ފިހާރައާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލެކިއުޓްގެ އަށް ފިހާރަ ހުރެ އެވެ.