15 Jul 2020, 18:44
ގެވެށި އަނިޔާގެ ޝިކާރައަށް ވެފައިވާ ފަރާތްތަކަށް އެ މައްސަލަތައް ރިޕޯޓުކޮށް އެ މައްސަލަތަކަށް އިންސާފު ލިބުމަށް ހިތްވަރު ލިބޭފަދަ ގޮތަށް މުޅި މުޖުތަމައާއި ދައުލަތް ބައްޓަން ވެގެން ދިޔުމަކީ ކުރައްވާ އުއްމީދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގެވެށި އަނިޔާއާ ދެކޮޅަށް މިއަދު ފެށި "ގެވެށި ގުޅުން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގެވެށި އަނިޔާއާއި އާއި ޖިންސީ ފުރައްސާރަ ތަހައްމަލުކުރަން ޖެހިފައިވާ މީހަކަށް އިތުރަށް އަނިޔާ ތަހައްމަލުކުރަން ޖެހޭގޮތަށް އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށެވެ.
"އެމީހުން އަލުން ވިކްޓިމައިޒް ވިޔަދީގެން ނުވާނެ. އަދި އެމީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން ސާބިތުވެގެން ތިބިކަން އަޅުގަނޑުމެންގެ އަމަލުންނާއި ބަހުން ދައްކަން ޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަކީ މުޖުތަމައުގެ އަންހެނުންނަށް ދިމާވެފައިވާ މައްސަލަތުގެ ތެރެއިން އެއް މައްސަލައަށް ވީއިރު ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ހައްލަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ގެވެށި އަނިޔާގެ މައްސަލަތަކާއި ފަހުރުވެރި ޢާއިލާއެއް ބިނާ ކުރުމަށް ދިމާވެފައިވާ އެހެނިހެން ގޮންޖެހުންތައް ނައްތައިލުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ގިނަކަން އަޅުގަނޑު ގަބޫލުކުރަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެފަދަ މައްސަލަތައް ސަރުކާރާއި މުޖުތަމައަށް ގެނައުމުގައި މަދަނީ ޖަމިއްޔާތަކުން ކުރަމުން ގެންދާ މަސައްކަތަށް އެމަނިކުފާނު ވަނީ ތައުރީފުކުރައްވާފައެވެ.
އަދި ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހުއްޓުމަށް ޒުވާނުން ކުރަމުން ގެންދާ މަސައްކަތުން ހިތްވަރު ލިބިވަޑައިންނަވާ ކަމަށް ރައީސް ސޯލިހު ފާހަގަކުރައްވާފައިވެއެވެ.
ރައީސް ވަނީ އެފަދަ މައްސަލަތަކުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާ ކުރުން އަދިވެސް އިތުރު ކުރުމަށް އެދިވަޑައިންނަވާފައެވެ.