15 Jul 2020, 17:22
"ގެވެށި ގުޅުން" ނަމުގައި ގެވެށި އަނިޔާއާ ދެކޮޅަށް ބޮޑު ކެމްޕެއިނެއް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ފަށްޓަވައިދެއްވައިފި އެވެ.
ޖެންޑާ މިނިސްޓްރީގެ އިސްނެގުމާއެކު މިއަދު ފެށި ބޮޑު ކެމްޕެއިނަކީ ތިން މަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.
އެ ކެމްޕެއިން ފެށުމަށް ވާޗުއަލްކޮށް ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަދަވަމުން މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ މިއަދު ފެށި ކެމްޕެއިނަކީ ހާއްސަ ޕްލެޓްފޯމެއް ކަމަށެވެ.
އެ ޕްލެޓްފޯމުގައި ރަށު ކައުންސިލުތަކާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ކޮމިޓީތަކާއި ޖަމާއަތްތަކަށްވެސް ބައިވެރިވެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން ފަށާ ކެމްޕެއިންގެ ފެށުމުގެ އެންމެ ބޮޑު މަގުސަދަކީ ގެވެށި އަނިޔާ އާ ގުޅޭ ވާހަކަތައް ހިއްސާ ކުރާނެ ހާއްސަ ޕްލެޓްފޯމެއް ގާއިމުކުރުމުގެ ބޭނުމުގައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގެވެށި އަނިޔާ ފަދަ މައްސަލަތައް މަދުކޮށް އެފަދަ މައްސަލަތައް ހުއްޓުވުމުގައި ފިރިހެނުން އިސް ރޯލެއް އަދާ ކުރާ ކަމަށެވެ. އެގޮތުން ގެވެށި އަނިޔާ ހުއްޓުވޭނީ އެ ކެމްޕެއިނުގައި ފިރިހެނުންގެ ވެސް ބައިވެރިވުމާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރެވޭނީ އެންމެން އެކުގައި އަތުގުޅާލައިގެން މަސައްކަތް ކޮށްގެން ކަމަށާއި އެންމެން އެކުގައި ނޫނީ ގެވެށި އަނިޔާގެ މައްސަލަތައް ނުހުއްޓުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ކެމްޕެއިންގެ މަގުސަދަކީ ހަމައެކަނި ގެވެށި އަނިޔާގެ މައްސަލަތައް ރިކޯޑުކުރާ މިންވަރު އިތުރުވުން އެކަނި ނޫން ކަމަށެވެ. އެހެންނަމަވެސް އޭގެ ސަބަބުން އާއިލާގެ ގުޅުންތައް ރަނގަޅުވުމަކީވެސް އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ގެވެށި އަނިޔާއާ ދެކޮޅަށް ހާއްސަ ލަވައެއް ވަނީ ރިލީޒްކޮށްފައެވެ. އެގޮތުން އެ ލަވަ ކިޔާފައިވަނީ ޝަލަބީ އިބްރާހީމް އާއި މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެވެ.