ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ މަސްބޯޓެއްގައި، ހާލުގައި ޖެހިފައި ތިބި ފަސް މީހަކު މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ ކ. ދިއްފުށީގެ 48 މޭލު ބޭރުގައި އޮތް 15 ފޫޓްގެ އެ ބޯޓް ރޭ ފަތިހު 4:45 ހާއިރު ފެނުނީ ކަންނެލި މަސްވެރި ކަމަށް ނުކުމެ އުޅުނު ރާއްޖޭގެ ދޯންޏަކަށް ކަމަށެވެ. އެ މަސްބޯޓްގައި ތިބި ފަސް މީހުން ވެސް ހާލުގައި ޖެހިފައި ތިބުމުން ކޯސްޓްގާޑުގެ ލަފައާއެކު އެމީހުން މާލެ ގެނައީ ވެސް ކަންނެލި ދޯނިން ކަމަށެވެ.

އޮފިޝަލު ވިދާޅުވީ މަސް ބޯޓުގައި ތިބި ފަސް މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެމީހުން ދަތުރުކުރި މަސްބޯޓް ހޯދަން ކޯސްޓްގާޑުގެ އުޅަނދެއް ދަތުރު ފަށާފައިވާ ކަމަށެވެ.