05 Jan 2012, 10:36
އަންނަ އާދީއްތަ ދުވަހު މިއަހަރުގެ ދިރާސީ އާ އަހަރު ފަށާއިރު ސްކޫލްތަކަށް ބޭނުންވާ 300 އަށްވުރެ ގިނަ ބިދޭސީ ޓީޗަރުން މާލެ އައިސް ސްކޫލްތަކާ ގުޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން މިދިއަ މަހުގެ 18 އިން ފެށިގެން ރާއްޖެ އަންނަން ފަށާފައިވާ ކަމަށާއި އޭގެ ތެރެއިން 208 ބިދޭސީ ޓީޗަރުން ރާއްޖެ އައިސް ސްކޫލްތަކާ ގުޅިފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިތުރު 100 ޓީޗަރުން ރާއްޖެ އަންނާނެ ކަމަށާއި އޭގެ ތެރޭގައި ގިނައީ ސާނަވީ ގްރޭޑްތަކުގައި ކިޔަވައިދޭން ގެންނަ ޓީޗަރުން ކަމަށެވެ.
މިނިސްޓްރީން ބުނީ 300 އަށް ވުރެ ގިނަ ބިދޭސީ ޓީޗަރުން އަންނައިރު އޭގެ ތެރެއިން ގިނަ ޓީޗަރުން އަންނަނީ އިންޑިޔާ އާއި ސްރީލަންކާއިން ކަމަށެވެ.
"އަޅުނގަޑުމެން އާއްމުކޮށް ސުކޫލުތަކުގެ ސާނަވީ ގްރޭޑްތަކަށް މިގެންނަނީ އިންޑިއާއިނާއި ސިލޯނުގެ [ސްރީލަންކާގެ] ޓީޗަރުން. އެގޮތުން މިހާރު ޖުމްލަ 208 ޓީޗަރުން ރާއްޖެ ގެނެވިފައިވޭ. އަދި އިތުރު 100 ވަރަކަށް ޓީޗަރުން އަންނާނެ." ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީޗަރުންގެ ކަންތައްތަކުގައި މިއަހަރު އެޑިއުކޭޝަނަށް އެހީވުމުގެ ގޮތުން މާލޭގެ ކޮލެޖްތަކުން ވެސް ޓީޗަރުން ތަމްރީން ކޮށްދީފައިވާ ކަމަށައި އޭގެ ތެރެއިން ގިނަ ޓީޗަރުން ކިޔަވައިދޭނީ އަތޮޅުތަކުގެ ސްކޫލްތަކުގައި ކަމަށެވެ. ގައުމީ ޔުނިވާސިޓީންއާއި މަންދު އަދި ވިލާ ކޮލެޖުން ޖުމްލަ 128 އަށްވުރެ ގިނަ ޓީޗަރުން މިއަހަރު ކިޔަވައިދޭން ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޑިއުކޭޝަނުން ވަނީ ދިރާސީ އާ އަހަރަށް ތައްޔާރުވުމަށް ސުކޫލު ތަކުގެ އިސްވެރިންނާއެކު ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެއް އިއްޔެ ފަށާފައެވެ.