15 Jul 2020, 13:47
ބެއިޖިން (ޖުލައި 15): ޗައިނާގައި މިދިޔަ ހަފްތާ ތެރޭ ހިނގި ބަސް އެކްސިޑެންޓެއްގައި 21 މީހަކު މަރުވީ އެ ބަސް ދުއްވަން ހުރި މީހާ ގަސްތުގައި ކުރި ކަމަކުން ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
ޗައިނާގެ އަންޝުން ސިޓީގައި މިދިޔަ އަންގާރަ ދުވަހު ހިނގި އެ ހާދިސާގެ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ބަސް ފެން އާރެއް ކައިރިން ދުއްވަމުން ގޮސް، ކުއްލި ގޮތަކަށް ބާރު ސްޕީޑުގައި މަގު ހުރަސްކޮށް ފެން އާރު ތެރެއަށް ވެއްޓެ އެވެ. އެ ހާދިސާގައި 21 މީހަކު މަރުވެ، 15 މީހަކަށް އަނިޔާވި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ބަސް ދުއްވަން އިން މީހާ ބަސް ފެން އާރު ތެރެއަށް ވައްޓާލީ އޭނާ ދިރިއުޅެމުން އައި ގެ ތަޅާލުމުން އެކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ.
އަންޝުންގެ ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ޗަން ނަމަކަށް ކިޔާ އެ ޑްރައިވަރު ދިރިއުޅެމުން ދިޔައީ ސަރުކާރުގެ އާއްމު ގެދޮރުވެރިކަމުގެ މަޝްރޫއެއްގެ ދަށުން އަޅާފައިވާ ފްލެޓެއްގަ އެވެ. ނަމަވެސް އެ ސަރަހައްދު ތަރައްގީ ކުރުމުގެ ގޮތުން ޗަން ދިރިއުޅެމުން އައި އިމާރާތް ތަޅާލަން ސަރުކާރުން ނިންމި އެވެ. އަދި މިދިޔަ ޖޫން މަހު އޭގެ ބަދަލެއްގެ ގޮތުން 10،000 ޑޮލަރު ހޯދަން ސަރުކާރާ އެކު އޭނާ އެއްބަސްވުމެއްގައި ސޮއި ކުރި ނަމަވެސް އޭނާ އެ ފައިސާ ނަގާފައި ނުވެ އެވެ. އަދި އޭނާ އަނެއްކާވެސް ސަރުކާރުގެ ފްލެޓެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.
"ޗަން ހުރީ އޭނާގެ ދިރިއުޅުމާއި އޭނާ ކުއްޔަށް އުޅެމުން އައި ގެ ތަޅާލުމުން ހިތްހަމަނުޖެހިފައި. އަދި އެ ކަމަށް ސަމާލުކަން ގެނައުމުގެ ގޮތުން އޭނާ ބޮޑު ކުށެއް ކުރީ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ ދުވަހު އެކްސިޑެންޓުވުމުގެ ކުރިން ޗަން އޭނާގެ ލޯބިވެރިޔާއަށް ގުޅައި، އޭނާގެ ދިރިއުޅުމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރި އެވެ. އަދި އޭނާ ބަސް ދުއްވަމުން ދިޔައީ މަސްތުވެގެން ހުރެ އެވެ.
ޗައިނާގައި ތަރައްގީގެ މަޝްރޫއުތަކަށް، ފަގީރު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ގެތައް ނަގާ، ތަޅާލުމަކީ އާއްމު ކަމެކެވެ. އޭގެ ސަބަބުން ބައެއް މީހުންނަށް ގެދޮރު ހޯދަން ދަތިވެ، މަގުމަތިވާ ގޮތްވެ އެވެ.
އެ ހާދިސާއާ ގުޅިގެން އަންޝުންގެ ސަރުކާރުން ވަނީ ޗަން ދިރިއުޅެމުން އައި އިމާރާތް ތަޅާލަން ނިންމުމުގައި މައްސަލައެއް އުޅޭތޯ ބަލަން އެކަން ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ.