05 Jan 2012, 10:01
ބެންޣާޒީ (ޖަނަވަރީ 5) : ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިންގެ މެދުގައި ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން ލީބިޔާގައި އަހްލީ ހަނގުރާމައެއް އުފެދިދާނެ ކަމުގެ ބިރު އެބައޮތް ކަމުގެ އިންޒާރު އެޤައުމުގެ ޤައުމީ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލު ދެއްވައިފިއެވެ.
ބެންޣާޒީގައި ވާހަކަ ދައްކަވަމުން ޢަބްދުލްޖަލީލު ވިދާޅުވީ ހަނގުރާމަވެރިން ލީބޔާގައި އެކުލަވާލެވޭ ސިފައިންގެ އައު ލަޝްކަރަށް ވަންނަންޖެހޭ ކަމަށާއި އެމީހުން ހަތިޔާރުގެ ބޭނުންކޮށްގެން އަމިއްލައަށް ޤާނޫނޫ ހިންގަން އުޅޭނަމަ ލީބިޔާގެ ދައުލަތް ނުރައްކަލުގެ ތެރެއަށް ވެއްޓި އަހްލީ ހަނގުރާމައެއްގެ ނުރައްކާ ޤައުމަށް ކުރިމަތިވާނެ ކަމަށެވެ.
ސިފައިންގެ ލަޝްކަރުތަކަށް ވަންނަ ހަނގުރާމަވެރިންނަށް ބޮޑު މުސާރައެއް ވެސް ސަރުކާރުން މިހާރުވަނީ އިޢްލާންކޮށްފައެވެ. ގައްޒާފީ އަވަހާރަކޮށްލުމަށްފަހު ލީބިޔާގައި މަދަނީ ސަރުކާރެއް އެކުލަވާލާފައިވީ ނަމަވެސް އެސަރުކާރުގެ އެއްވެސް ބާރެއް ނޯވެއެވެ. ހަތިޔާރުއެޅި ހަނގުރާމަވެރިން ގެންދަނީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި ސަރުކާރާއި އިންތިޤާލީ މަޖިލިސް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.
އަނެއްކޮޅުން ހަނގުރާމަވެރިންވެސްވަނީ ޖަމާއަތްތަކަކަށް ބެހިފައެވެ. ވޭތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި ހައެއްކަފަހަރު ހަނގުރާމަވެރިންގެ މެދުގައި ކުރިމަތިލުންތައް ހިނގައި މީހުން މަރުވެފައިވެއެވެ. ނަމަވެސް ނިސްބަތުން ލީބިޔާ އަދިއޮންނަނީ ހަމަހިމޭންކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ ހަފްތާގައިވެސް ޓްރިޕޮލީގައިވަނީ ހަނގުރާމަވެރިންގެ ދެޖަމާއަތެއްގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގައި ހަތަރުމީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެފައެވެ. މިކުރިމަތިލުންތައް ހިނގީ ހަނގުރާމަވެރިންގެ ދެގްރޫޕެއް ކަމަށްވާ މިސްރާތާގެ ގްރޫޕަކާއި ޓްރިޕޮލީގެ ޢަސްކަރީ މަޖިލީހަށް ނިސްބަތްވާ ގްރޫޕަކާ ދެމެދުގައެވެ.
މިކުރިމަތިލުންތަކަށްފަހު ލީބިޔާގެ ޤައުމީ އިންތިޤާލީ މަޖިލީހުންވަނީ އެޤައުމުގައި އަލަށް އުފައްދާ ސިފައިންގެ ލަޝްކަރުތަކުގެ ޖެނެރަލް ކޮމާންޑަރު ކަމުގެ މަޤާމަށް ލެފްޓިނެންޓް ޖެނެރަލް ޔޫސުފުލްމަންޤޫޝް ޢައްޔަންކޮށް ސިފައިން އައު ލަޝްކަރެއް އެކުލަވާލުމުގެ މަސައްކަތް އޭނާއާ ޙަވާލުކޮށްފައެވެ. ނަމަވެސް ހަނގުރާމަވެރިންގެ ބައެއް ގްރުޕްތަކުންވަނީ ލެފްޓިނެންޓް ޖެނެރަލް ޔޫސުފުލްމަންޤޫޝް އެމަޤާމަށް ޢައްޔަންކުރުމާ ދެކޮޅު ހަދައި އޭނާގެ ބަދަލުގައި އެޖަމާއަތްތަކުން ދީފައިވާ ލިސްޓުގައި ހިމެނޭ ކޮމާންޑަރަކު ސިފައިންގެ ކޮމާންޑަރު ކަމުގެ މަޤާމަށް ޢައްޔަންކުރުމަށް އިންތިޤާލީ މަޖިލީހަށާއި ވަގުތީ ސަރުކާރަށް ގޮވާލާފައެވެ.
ލީބިޔާގެ ސަރުކާރުންވަނީ ހަތިޔާރުއެޅި ހަނގުރާމަވެރިންނާ ކުރިމަތިލުމުގައި ސަރުކާރު ނުކުޅެދިފައިވާކަން ހާމަކޮށްފައެވެ. -- އަލްޖަޒީރާ