ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވާލުމާއެކު އެމްޕޮލޮއިމްންޓް އެޕްރޫވަލް ގެ ދަށުން ރާއްޖެ އެތެރެވުމަށް ހާއްސަ ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުވިފައިވާ މުއްތަދުގައި ކޮންމެހެން ރާއްޖެ އަންނަން ޖެހޭ ފަރާތްތަށް ރާއްޖެ އައުމުގެ ކުރިން ހާއްސަ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ހަމަޖެހިފައިވާ އުސޫލު މިއަދުން ފެށިގެން ބާތިލް ކޮށްފައިވާ ކަމަށެވެ.

މިއާއެކު އެމްޕޮލޮއިމްންޓް އެޕްރޫވަލް ގެ ދަށުން ރާއްޖެ އެތެރެވުމަށް ބޭނުންވާ ހާއްސަ ހުއްދަ މިއަދުން ފެށިގެން ހޯދަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

މީގެ ކުރިން ކޮވިޑު 19ގެ ހާލަތުގައި އަލަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދައިގެން ވަޒީފާ އަށް އަންނަ ފަރާތްތަކާއި ޗުއްޓީއަށް ދިއުމަށްފަހު އެނބުރި ވަޒީފާއަށް އަންނަ ފަރާތްތަކަށް ރާއްޖެ އެތެރެވެވޭނީ، އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރި ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

މި ހުއްދަ އަކީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތުގައި ކޮންމެހެން ގެންނަންޖެހޭ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ގެ އިތުރަށް ހޯދަންޖެހުނު ހުއްދަ އެކެވެ.

ނަމަވެސް މިއަދުން ފެށިގެން ރާއްޖެގެ ބޯޑަރުތައް އަލުން ހުޅުވާލުމާއެކު، ކުރިއެކޭ އެއްގޮތަށް ހާއްސަ ހުއްދަ އަކާއި ނުލައި ވޯކް ވިސާ އޮންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެ އެވެ.

އަދި ފަތުރުވެރިންނަށް ރާއްޖެ އެތެރެވާ ދުވަހުން ފެށިގެން 30 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ އެވެ.