ނ. މަނަދޫގައި އަންހެން ކުދިންތަކެއްގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް އެ ވީޑިއޯތައް އާންމު ކުރިކަމުގެ ތުހުމަތުގައި އެރަށުން ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މަނަދޫ އަންހެން ކުދިންތަކެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ލީކްކުރި މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން ރޭ މަނަދޫގެ ބައެއް ގޭގެ ވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މަނަދޫ އަންހެން ކުދިންތަކެއްގެ ބަރަހަނާ މަންޒަރުތައް ވީޑިއޯކޮށް އާންމުކުރި ކަމުގެ ތުހުމަތުގައި ރޭ މަނަދޫން ޒުވާނަކު ހައްޔަރުކުރީ ދަންވަރު އެވެ. ފުލުހުން ބުނީ އެއީ 20 އަހަރުގެ ޒުވާނެއް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މަނަދޫ ކައުންސިލުންގެ ރައީސް އިބުރާހިމް ނަސީރު ވިދާޅުވީ އެ ރަށުގެ ތިން އަންހެން ކުއްޖެއްގެ ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯތަކެއް ރަށުތެރޭގައި އާންމު ކުރަމުންދާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އެރަށު ނޫރުވާދީ، އަހުމަދު އާތިފް ކަމަށެވެ. އާތިފަކީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވި ތަފާތު ފަހަރު މަތިން ފުލުހުން ހައްޔަރުކޮށް ހެކި ނެތުމުގެ ސަބަބުން ދޫކޮށްލާފައިވާ މީހެއްކަމަށް ވެސް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ލީކުކޮށްފައިވާ ވީޑިއޯތަކުގައި 16 އަހަރާ 18 އަހަރާ ދެމެދުގެ ތިން އަންހެން ކުއްޖަކު ފާހާނާގައި ފެންވަރާ ބަރަހަނާ މަންޒަރުތައް ހިމެނެ އެވެ.