ލަންޑަން، އިނގިރޭސިވިލާތް:މި މަހުގެ 24 އިން ފެށިގެން އިނގިރޭސިވިލާތުގެ ފިހާރަތަކަށާއި، މާކެޓުތަކަށް މާސްކު ނާޅާ ވަނުން މަނާކުރަން ނިންމައިފި އެވެ.

ކޮރޯނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތް އެ ވައިރަހުގެ ދެވަނަ ރާޅެއް އަތުވެދާނެ ކަމުގެ ބިރަށް ތައްޔާރުވަމުން އަންނަ އިރު، ވައިރަސް ފެތުރުން ހުއްޓުވުމަށް އަންނަނީ ހަރުކަށި ގަވާއިދުތައް ހަދައި، ތަންފީޒު ކުރަމުންނެވެ.

އެގޮތުން މި މަހުގެ 24 އިން ފެށިގެން އެގައުމުގެ ފިހާރަތަކާއި، މާރުކޭޓުތަކަށް މާސްކް ނާޅާ ވަނުމަކީ މަނާކަމެއް ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މި ގަވާއިދަށް އަމަލު ނުކުރާ މީހުން 100 ޕައުންޑުން ޖޫރިމަނާ ކުރުމަށާއި، އެކަން ތަކުރާރު ކުރާ ނަމަ އެއަށްވުރެން ބޮޑެތި އަދަބު ދޭނެ ކަން ވެސް ވަނީ ސަރުކާރުން އަންގާފަ އެވެ.

އިނގިރޭސި ވިލާތަކީ ކޮވިޑްގެ ޝިކާރައަކަށްވީ މީހުންގެ ތެރެއިން މުޅި ދުނިޔެއިން ވެސް ތިންވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ. އެގައުމުގައި މިހާތަނަށް ކޮވިޑްގައި 45،000 އަށް ވުރެން ގިނަ މީހުން މަރުވެފައިވާ އިރު އެ ބަލި ޖެހިގެން އެއަށްވުރެން ގިނައިން މީހުން މަރުވެފައި ވަނީ ބްރެޒިލްއާއި އެމެރިކާ އެވެ.

އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ މަހުން ފެށިގެން ކޮންމެސް ވަރެއްގެ ލުޔެއް ދިން ނަމަވެސް އަލުން އެގައުމުގައި އަނެއްކާވެސް ވަނީ ކުރިން އަޅާފައިވާ ފިޔަވަޅުތައް ރުޖޫއަ ކުރަން ނިންމާފަ އެވެ. އެއީ ކުރިއަށް އޮތް ފިނި މޫސުމާއި ގުޅިގެން ކޮވިޑްގެ ނުރައްކާ އިތުރަށް ބޮޑުވެ ހާލަތު ގޯސްވެދާނެ ކަމަށް ބުނެ އެގައުމުގެ އެކެޑެމީ އޮފް މެޑިކަލްސްއިން އާއްމު ކުރި ރިޕޯޓަކާ ގުޅިގެންނެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން ފިނި މޫސުމުގައި ވައިރަހުގެ ބާރު އިތުރަށް ގަދަވެ ގިނަ ދުވަސްތަކެއް ވަންދެން ވައިރަސް މަރު ނުވެ ހުރެއެވެ. އެހެން ކަމުން އެގައުމުގައި މިހާތަނަށް ކޮވިޑްގައި ލިބުނު ގެއްލުމަށް ވުރެން ދެން ނަގައި ރާޅެއްގެ ގެއްލުން ބޮޑުވެދާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އެގޮތުން އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް އެންމެ ގޯސް ހާލަތެއްގައި، 119،000 އެއްހާ މީހުން ކޮވިޑްގެ ސަބަބުން މަރުވެދާނެ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އަދި އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައި ދެވަނަ ރާޅުގެ ޕީކެއް އަންނާނެ ކަމަށާއި، އެއިރަކަށް ހޮސްޕިޓަލްތަކުގެ ޖާގަ ފުލްވެދާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

"މިއީ ހަމައެކަނި ކުރާ ލަފައެއް ނޫން. މިއީ މިހާރުން ސުރެއް އެކަމަށް ފިޔަވަޅުތައް ނާޅައިފި ނަމަ ޔަގީންނުވެސް ވެދާނެ ކަމެއް." ސައުތަމްޓޮން ޔުނިވާސިޓީ ހޮސްޕިޓަލުގެ ޕްރޮފެސަރެއް ކަމަށްވާ ސްޓީފެން ހޮލްގޭޓް ވިދާޅުވެފައިވެ އެވެ. އޭނާ އަކީ އެކެޑެމީ އޮފް މެޑިކަލްސްއިން އާއްމު ކުރި ރިޕޯޓު ހެދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރި ޑޮކްޓަރެވެ.