05 Jan 2012, 09:17
ސިންގަޕޫރު (ޖަނަވަރީ 5) : ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ލޮން އާއި އޭނާގެ ވަޒީރުންގެ މުސާރަ ކުޑަކުރެވިގެން ދިޔުމަކީ ލިބުނު ކާމިޔާބީއެއްކަމަށް އެޤައުމުގެ އިދިކޮޅު ޕާޓީން ކަމަށްވާ ސިންގަޕޫރު ޑިމޮކްރެޓިކް ޕާޓީ ބުނެފިއެވެ.
އެޕާޓީ އިއްޔެ ބުނިގޮތުގައި ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުންގެ މުސާރަ ކުޑަކުރުމަށް މިދިޔަ ނޮވެމްބަރުމަހު އޯޑިޓް ކޮމިޓީއަށް ހުށަހެޅީ އެ ޕާޓީންނެވެ. މިހުށަހެޅުން ހުށަހެޅުމަށްފަހު އެޕާޓީންބުނީ މުސާރަބޮޑުވުމުގެ ސަބަބުން ސިންގަޕޫރުގައި ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީގެ އިސްވެރިން މުއްސަނދިކަން ހައްދުފަހަނަޅާފައިވާއިރު ޤައުމުގެ ފަގީރުންގެ މަތިން އެޕާޓީ ހަނދާން ނައްތާލާފައިވާ ކަމުގައެވެ. މިމައްސަލަ ބެލުމަށްފަހު އޯޑިޓް ކޮމިޓީންވަނީ އެބޭފުޅުންގެ މުސާރަ 37ޕަސެންޓް ދަށްކުރުމަށް ނިންމާފައެވެ.
މުސާރަ ދަށްކުރުމަށްފަހުވެސް ދުނިޔޭގައި އަދިވެސް އެންމެ ބޮޑީ ސިންގަޕޫރުގެ ބޮޑުވަޒީރާއި އޭނާގެ ވަޒީރުންގެ މުސާރަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު މުސާރަ ލިބިވަޑައިގަންނަވާ ހޮންގކޮންގ ސަރުކާރުގެ އެގްޒެކެޓިވް ކައުންސިލްގެ ރައީސް ޑޮނަލްޑް ޓްސަންގް ގެ މުސާރައަށްވުރެ ސިންގަޕޫރުގެ ބޮޑުވަޒީރުގެ މުސާރަ އަދިވެސް 3 ގުނައަށް ބޮޑު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓްސަންގަށް އަހަރަކު ލިބިވަޑައިގަންނަވަނީ 550 ހާސް އެމެރިކާ ޑޮލަރުގެ މިންވަރެވެ. މުސާރަ ކުޑަކުރުމަށްފަހުވެސް ސިންގަޕޫރުގެ ބޮޑުވަޒީރުގެ މުސާރައަކީ އަދިވެސް އަހަރަކު 1.7 މިލިޔަން އެމެރިކާ ޑޮލަރުގެ މިންވަރެވެ. އޮސްޓްރޭލިޔާގެ ބޮޑުވަޒީރުގެ މުސާރައަކީ އަހަރަކު 480 ހާސް އެމެރިކާ ޑޮލަރުގެ މިންވަރެވެ. އެމެރިކާގެ ރައީސްގެ މުސާރައަކީ އަހަރަކު 400 ހާސް އެމެރިކާ ޑޮލަރެވެ. -- ރޮއިޓާސް