15 Jul 2020, 00:14
އަތޮޅު ތެރޭގައި ކޮވިޑަށް ފަރުވާ ދެވޭނެ ގޮތަށް އިންތިޒާމް ހަމަޖެއްސި ހަތް ތަން، ހަފްތާއެއްގެ ތެރޭގައި ހިދުމަތް ދޭން ފެށޭނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ކޮވީޑަށް ފަރުވާ ދެވޭ ގޮތަށް ރާއްޖޭގެ ފަސް ސަރަހައްދެގައި ފެސިލިޓީތައް ގާއިމު ކުރުމަށް ވަނީީ ސަރުކާރުން ނިންމާފައެވެ. އޭގެ އިތުރުން އިތުރު ދެތަނެއް ޓްރާންސީޓް ފެސިލިޓީތަކުގެ ގޮތުގައި ހެދުމަށެވެ.
މިރޭ ދަރުބާރުގޭ، އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އަތޮޅު ތެރޭގައި ގައިމްކޮށްފައިވާ ހަތް ތަނުގެ މަސައްކަތް މިހާރު މުޅިންހެން ނިންމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭ އެތަންތަނުން ހިދުމަތް ދެވޭވަރުވެ، އެތަންތަން ހުޅުވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލު ދެއްވަމުން އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ، ހަތް ފެސިލީތަކުގައިވެސް ކުދި ކުދި ކަންކަން ފިޔަވާ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބައެއް ތަންތާގައި ފެސިލިޓީގެ އިންސްޕެކްޝަން ރިޕޯޓު ލިބުމުން ރަނގަޅު ކުރަން ޖެހޭ ކަންކަން އެނގޭނެ ކަމަށް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ، ފަސް ސަރަހައްދެއްގައި، ކޮވިޑަށް ފަރުވާ ދެވޭ ގޮތަށް ތަރައްގީކޮށްފައިވަނީ އައިސީޔޫ އެނދާއި އައިސޮލޭޝަން އެނދާއެކު ޓެސްޓުކުރުމުގެ އިންތިޒާމާއެކު ކަމަށެވެ.
ކޮވިޑަށް ފަރުވާދޭ ފަސް ހޮސްޕިޓަލު:
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި 23 އައިސީޔޫ އެނދާއި 22 އައިސޮލޭޝަން އެނދު
- ގއ. އަތޮޅު ހޮސްޕިޓަލުގައި 23 އައިސީޔޫ އެނދާއި 12 އައިސޮލޭޝަން އެނދު
- ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދު އަދި 23 އައިސޮލޭޝަން އެނދު
- ބ. އަތޮޅު ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދު އަދި 37 އައިސޮލޭޝަން އެނދު
- ށ. އަތޮޅު ހޮސްޕިޓަލުގައި 20 އައިސީޔޫ އެނދު އަދި 37 އައިސޮލޭޝަން އެނދު
ޑަބްލިއުއެޗްއޯއިން ދާދި ފަހުން ވަނީ، އެތަންތަނުގައި ކޮވިޑަށް ޓެސްޓުކުރުމަށް ބޭނުންވާ ކާޓްރޭޖްތައް ހަދިޔާކޮށްފައެވެ. އަދި ޑަބްލިއުއެޗްއޯގެ އެހީއާއެކު އެ ފަސް ތަނުގެ އިތުރުން ހަ ރަށެއްގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.