ރިސޯޓުތަކުގެ ސުޕާތައް ބަންދުކުރަން ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާއަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން މިރޭ ވަގުތީ އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ ސޮއިކުރައްވާ މިރޭ ނެރުއްވެވި އަމުރުގައި ބުނަނީ ރިސޯޓުތަކުގެ ސުޕާތައް ބަންދުކުރަން ޓޫރިޒަމް މިނިސްޓްރީން ސާކިއުލާ އަކުން އެންގި އެންގުމަކީ ގާނޫނާއި ޚިލާފަށް އެންގި އެންގުމެއް ކަނޑައަޅައިދިނުމަށް މަޓީއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާއި މެދު އެ ކޯޓުން ފައިސަލާކުރަނިވި ހުކުމެއް ކުރަންދެން އެ ސާކިއުލާއަށް އަމަލުކުރުން ފަސްކުރުމަށް ޓޫރިޒަމް މިނިސްޓްރީ އަށާއި އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް އަންގާ އަމުރު ކުރާ ކަމަށެވެ.

ވަގުތީ އަމުރުނު ނެރުއްވަމުން ގާޒީ ހާތިފް ހިލްމީ ވިދާޅުވީ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަށް ނިންމީ ޝަރީއަތުން އެ މައްސަލައާއިމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އެ ސާކިއުލާ ތަންފީޒު ކުރުމަކީ ރާއްޖޭގައި ޓޫރިސްޓު ރިސޯޓާއި ޓޫރިސްޓް ހޮޓާތަކުގައި ސްޕާ ހިންގާ ފަރާތްތަކުގެ ހައްގަށް އުނިކަމެއް ލިބި އިއާދަ ނުކުރެވޭނެ ކަމެއް ކަމަށް އެކަން ވެގެން ހިނގައިދާނެ ކަމަށް ޝަރީއަތައް ގަބޫލު ކުރެވޭތީ ކަމަށެވެ.

ސިވިލް ކޯޓް މި ގޮތަށް މިރޭ އަމުރެއް ނެރުނު އިރު ރައީސުލް ޖުމްހޫރިއްޔާ މިއަދު ވިދާޅުވެފައި ވަނީ ރިސޯތް ސްޕާތައް ހުޅުވުމުގެ ހުއްދަ އަލުން ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ރައީސް އެގޮތަށް ނިންމެވި އިރު އެާޓާނީ ޖެނެރަލް ވަނީ އެ މައްސަލައިގައި ސަރުއީ އެންމެ މަތީ މަރުހަލާ، ސުޕްރީމް ކޯޓްގެ ކޮންސަލްޓޭޓިވް އޮޕީނިއަންއަކަށް އެދިވަޑައިގެން ފައެވެ. ނަމަވެސް ސުޕްރީމް ކޯޓަކުން އަދި ރޫލިންއެއް ނުނެރުއްވަ އެވެ.