14 Jul 2020, 22:11
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމާއެކު މިނިވަންވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ މިރޭ ކަމަށެވެ.
އެފަދަ އަމުރެއް ނެރެފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ޖިނާއީކުށްތަކާ ގުޅޭގޮތުން ކްރިމަނަލް ކޯޓުގައި އުފުލިފައިވާ ދައުވާތައް މިއަދު ބާތިލުކުރުމުން އެމައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރުމަށްޓަކައި އެމައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ފުރުން މަނާ އަމުރެެއް ނެރެދިނުމަށް ފުލުހުން އެދުމުންނެވެ.
އަދީބު ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދުނީ، އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމުމާ ގުޅިގެން ޕީޖީގެ ލަފާގެ މަތިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އަދީބުގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކުއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ވަރަށް ބޮޑަށް ފާޑުވުދާޅުވެ ވާހަކަ ދައްކަވާފައެވެ. ޝަމީމް ވިދާޅުވީ، ގާޒީ އިސްމާއިލް ރަޝީދުގެ އެ ނިންމުމަކީ، ގާނޫނީ ހަމަތަކުން ނިންމި ނިންމުމެއް ކަމާމެދު ސުވާލު އުފޭދޭ ކަމަށާއި، އެ ނިންމުން ނިންމާފައިވަނީ ގަޒީގެ އަމިއްލަ ހިޔާލަށް ބިނާކޮށްކަމަށެވެ. އަދި އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ފުލުހުންނާއި، އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް، އަދީބުގެ މައްޗަށް އުފުލީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުން އަދީބު ވަނީ މިނިވަންވެފަ އެވެ