ޕަރާމަރީބޯ (ޖުލައި 14): ސުރިނާމްގައި މިދިޔަ މެއި މަހު ބޭއްވި އާންމު އިންތިހާބުން ޕާލިމެންޓުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރި ޕްރޮގްރެސިވް ރިފޯމް ޕާޓީ (ވީއެޗްޕީ)ގެ ލީޑަރު ޗަން ސަންޓޮކީ އެގައުމުގެ ރައީސް ކަމަށް ހޮވައިފި އެވެ.

ދެކުނު އެމެރިކާ ބައްރުގެ އިރު އުތުރުގައި އޮންނަ ސުރިނާމްގައި ބޭއްވި އާންމު އިންތިހާބުގައި ވީއެޗްޕީން ޕާލިމެންޓުގެ 51 ގޮނޑީގެ ތެރެއިން 20 ގޮނޑި ކާމިޔާބު ކުރި އިރު، މިހާރު އެގައުމުގައި ވެރިކަން ކުރައްވާ ރައީސް ޑެސީ ބައުޓަސޭގެ ނެޝަނަލް ޑިމޮކްރެޓިކް ޕާޓީ (އެންޑީޕީ)އަށް ލިބުނީ 16 ގޮނޑި އެވެ. އަދި ވީއެޗްޕީން ދެ ޕާޓީއަކާއެކު ކޯލިޝަން ހެދުމަށް ފަހު ޕާލިމެންޓުގެ އަގުލަބިއްޔަތު ހޯދި އެވެ.

އެއަށްފަހު ސުރިނާމްގެ ރައީސްކަމަށް ޕާލިމެންޓަށް ހުށަހެޅި ހަމައެކަނި ނަމަކަށްވީ ސަންޓޮކީގެ ނަންފުޅެވެ. އަދި މިއަދު ޕާލިމެންޓުގެ ގިނަ މެމްބަރުން ވަނީ ރައީސްކަމަށް އޭނާ ހޮވަން ތާއިދު ކޮށްފައެވެ.

ސަންޓޮކީ ވަނީ ސުރިނާމްގައި 2005އިން 2010އަކަށް އެގައުމުގެ ޖަސްޓިސް އެންޑް ޕޮލިސް މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި އޭގެ ކުރިން ޕޮލިސް ކޮމިޝަނަރުކަންވެސް ކުރެއްވިއެވެ.

20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ސުރިނާމްގެ ރައީސް ޑެސީ ބައުޓަސޭ -- ފޮޓޯ: ރޮއިޓާސް

ސަންޓޮކީއަކީ ރައީސް ބައުޓަސޭގެ މައްޗަށް ކުރި މަރުގެ ތުހުމަތުތައް ތަހުގީގު ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

ބައުޓަސޭގެ މައްޗަށް މަރުގެ ދައުވާ ކުރީ އޭނާ 1980އިން 1987އަށް ސުރިނާމްގެ އަސްކަރީ މަޖިލީހުގެ ޗެއާމަންކަން ކުރެއްވި އިރު އޭނާއަށް ފާޑުކީ 16 މީހަކު ވަގަށް ނަގާ، 15 މީހަކު މަރަން އޭނާގެ ސިފައިންނަށް އަމުރު ކުރިކަމަށް ތުހުމަތު ކުރެވުމުންނެވެ. އެ މައްސަލައިގެ ޝަރީއަތުގައި މިދިޔަ އަހަރު ބައުޓަސޭގެ މައްޗަށް ދައުވާތައް ސާބިތުވުމާ ގުޅިގެން އޭނާ 20 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

ސުރިނާމްގައި އޮތް ވެރިކަން އަސްކަރީ ބަޣާވާތަކުން ދެ ފަހަރަކު ވައްޓާލުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބައުޓަސޭ ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ 2010 ވަނަ އަހަރެވެ. އޭގެ ފަހުން 2015އިގައި އޭނާ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވި އެވެ.

އަންނަ ބުރާސްފަތި ދުވަހު ސަންޓޮކީ ރައީސް ކަމާ ހަވާލުވެ، ބައުޓަސޭ ވެރިކަމާ ދުރަށް ޖެހިވަޑައިގަތުމުން އޭނާ ހައްޔަރު ކުރަން އަމުރު ނެރޭނެކަން އަދި ސާފުވެފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.