އިއެވާ (ޖަނަވަރީ 4) : އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން މިހާރުގެ ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް މިހާރު ފަށައިގެންއުޅޭ ޕްރައިމަރީގައި މިޓްރުމްނީއާއި ރިކްސެންޓްރޯމް ކުރީގައިއުޅުއްވާކަން ހާމަވެއްޖެވެ.

ރިޕަބްލިކަން ޕާޓީގެ ސެކްރެޓޭރިއަޓް އާ ޙަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނިގޮތުގައި މި ޕްރައިމަރީގައި އެންމެ ކުރީގައި އުޅުއްވާކަމަށް މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ދައްކަނީ މިޓްރުމްނީއާއި ރިކްސެންޓްރޯމްއެވެ. މިދެބޭފުޅުން ވާދަކުރައްވަނީ ވަރަށް ގާތުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އިއެވާ ސްޓޭޓްގައި އިފްތިތާހްކުރި މިޕްރައިމަރީގައި ވާދަކުރައްވަނީ މިޓްރުމްނީއާއި ރިކްސެންޓްރޯމް ގެ އިތުރުން ރޮން ޕޯލް އެވެ.

ޚިޔާލު ހޯދުމުގެ ސަރވޭތަކުގެ ނަތީޖާތައް ދައްކާގޮތުން ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވަން ނުކުމެ ވަޑައިގަންނަވާނީ މިޓްރުމްނީ އެވެ.

މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީން ނެރޭ ކެންޑިޓޭޓާ ވާދަކުރުމަށްޓަކައި އަތުކުރިއޮޅާލުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް އިއްޔެވަނީ ގޮވާލައްވާފައެވެ.

ޑިމޮކްރެޓިކް ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީން ނެރޭ ކެންޑިޓޭޓާ ވާދަކުރުމަށްޓަކައި ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލުން އޭނާ ބޭނުންވާކަމުގައެވެ. -- އެސޯސިއޭޓެޑް ޕްރެސް