04 Jan 2012, 19:22
ޔަންގޫން (ޖަނަވަރީ 4): މިޔަންމާ ސަރުކާރުން ސިޔާސީ ބައެއް ކުށްވެރިންނަށް މަޢާފްދީ މަދަނީ އަދި ސިޔާސީ އަނެއްބައި ކުށްވެރިންގެ އަދަބު ލުއިކޮށްދީފި އެވެ. މިޔަންމާ ސަރުކާރުން ބުނިގޮތުގައި ރައީސް ތިންސިން ނިންމަވާފައިވަނީ ސިޔާސީ ނުވަ ކުށްވެރިއަކަށް މަޢާފް ދިނުމަށާއި ސިޔާސީ އަދި މަދަނީ އެތަށް ސަތޭކަ ކުށްވެރިންނަށް ގޭބަންދާއި ޖަލުހުކުމްތައް ލުއިކޮށްދެއްވުމަށެވެ.
މިއީ މިޔަންމާ ޑިމޮކްރެޓިކް ޤައުމަކަށް ހެއްދެވުމަށް ރައީސް ތިންސިން ކުރިޔަށް ގެންދަވާ އިސްލާޙީ ޕްރޮގްރާމްގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށް އެޤައުމުގެ ސަރުކާރުގެ ތަރްޖަމާނަކު ވިދާޅުވިއެވެ.
މިޔަންމާގެ އިދިކޮޅު ލީޑަރު އަންގސަން ސޫޗީ ގެ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީން ވަނީ ރައީސް ތިންސިން ގެ ޢަފޫޢާންމުގައި ޖަލުހުކުމް ލުއިކޮށްދެއްވި ސިޔާސީ އެތަށް ސަތޭކަބަޔަކު މިއަދު ޖަލުން މިނިވަންވެފައިވާކަން ހާމަކޮށްފައެވެ. އެއްކޮށް މަޢާފްދިން ނުވަ ކުށްވެރިންވެސް އިއްޔެ މިނިވަންވެފައިވާ ކަމަށް އެޕާޓީން ބުނެއެވެ. ސޫޗީގެ ޕާޓީން މިއެންމެން ސިފަކޮށްފައިވަނީ ޒަމީރުގެ ޤައިދީން ގެ ގޮތުގައެވެ.
ޖަލުން މިނިވަންވި މިމީހުންނަކީ އެމީހުންގެ ޙުކުމްގެ މުއްދަތު ހަމަވާން ކައިރިވެފައިވާ މީހުން ކަމަށްވެސް ސޫޗީ ގެ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީ ބުނެއެވެ. މިޔަންމާގެ ސަރުކާރުންވަނީ ސޫޗީ ވެސް މިދިޔަ އަހަރުގެ ކުރީކޮޅު މިނިވަންކޮށްފައެވެ. މިއީ މިޔަންމާގެ މިނިވަންދުވަހާ ގުޅިގެން ތިންސިން ދެއްވި ޢަފޫޢާންމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. -- އަލްޖަޒީރާ