14:30


ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރ އަދި ޕީއޭގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވަނީ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ އިސްތިއުފާދެއްވާފައިވާ ބަނޑާރަ ނައިބް ހުސްނުއް ސޫދު ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ޕީއޭގެ ރައީސް ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް ހައްޔަރުކޮށްފައި ވަނީ އެ ދެ ބޭފުޅުންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގައި ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ދީގެން ވޯޓު އަނބުރާލެއްވުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ކަމަށާއި އެކަންތައް މިހާރު ތަހްގީގު ކުރައްވަމުން އަންނަ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ. އަދި ހައްޔަރުކޮށްގެން އެދެބޭފުޅުންނާ މެދު ކުރެވޭ ތުހުމަތުތައް ތަހްގީގު ކުރުމަށް ސަރުކާރުން ފުލުހުންނަށް އަންގާފައިވާއިރު އެއީ ބައެއްގެ އެހީތެރިކަމާ އެއްބާރުލުން ހޯދުމަށް ކޮށްފައިވާ ކަމެއް ކަމުގައި ހީނުވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.


ސުއޫދު އިތުރަށް ވިދާޅުވީ އެޓަނީ ޖެނެރަލް ކަމުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގެ ތެރޭގައި ފާސްކުރި މާލިއްޔަތު ޤާނޫނަށް ގެނެސްފައިވާ އިސްލާހް އެއޮތް ގޮތަށް ބާއްވައިގެން ސަރުކާރު ހިންގޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އަދި އެގޮތަށް ޢަމަލު ކޮށްފިނަމަ ސަރުކާރުން އާންމު ރައްޔިތުންނަށް ދެމުން ގެންދިޔަ ސަބްސިޑީތައް ހުއްޓުމަކަށް އަންނާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި މަޖިލީހުން އެގޮތަށް ނިންމިއިރު ރައްޔިތުންގެ މަޖިލީހުން ސަބްސިޑީ ދޭނެ ގާނޫނެތް ހެދިފައި ނެތްއިރު އެފަދަ ގާނޫނެއް މަޖިލީހުން ހެދޭނެ ދުވަހެއްވެސް ނޭންގޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި މާލިއްޔަތު ގާނޫނުގެ ހަތް ވަނަ މާއްދާ އާއި 10 ވަނަ މާއްދާގެ (ހ) ގައި ބުނާގޮތުން ނަމަ މިހާރު ސަރުކާރުން އެކަނިވެރިމައިންނަށާއި އަދި އެނޫން ފަރާތްތަކަށް ދެމުންގެންދާ ޚާއްސަ އެހީވެސް މެދުކެނޑިގެންދާނެ ކަމަށް ވިދާޅުވެ، އެކަން އެގޮތަށް ވާން ބޭނުންނުވާ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ސުއޫދު ދެއްވި އެވެ.


މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިއްޔެ ކެބިނެޓުން އިސްތިއުފާ ދެއްވި ފިޝަރީޒް މިނިސްޓަރ ޑރ.އިބްރާހިމް ދީދީ ވިދާޅުވީ ކެބިނެޓުން އިސްތިއުފާދެއްވީ ސަރުކާރުގެ ސިޔާސަތުތަކާމެދު ހިތް ހަމަނުޖެހޭތީ ނޫން ކަމަށާއި އަދި މިހާރުވެސް ސަރުކާރަށް ވެދެއްވެން އޮތް ހުރިހާ އެއްބާރު ލެއްވުމެއް ދެއްވަމުން ގެންދަވާނެ ކަމަށެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްމީ ގޮތުން ޑރ.އަހުމަދު އަލީ ސަވާދު ބައިވެރިވެނުގެންނެވި ނަމަވެސް އިއްޔެ އިސްތިއުފާ ދެއްވި ޓޫރިޒަމް މިނިސްޓަރ ޑރ.އަހުމަދު އަލީ ސަވާދުވެސް އެބައްދަލުވުން އަޑުއެއްސެވުމަށް އެވަގުތު ވަޑައިގެން އިންނެވި އެވެ.