14 Jul 2020, 16:27
މީހަކު ކިތަންމެ ރުޅި އަޔަސް، އަދި އިންޒާރު ދިން ނަމަވެސް، ދީނުގައި ކަންކަން އޮންނަ ގޮތް ރައްޔިތުންނަށް ބުނެދިނުމުގައި ކުރާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ޑރ. އިޔާޒަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ.
އީވާގެ ބަހުގެ ހަމަލާތަކެއް ޑރ. އިޔާޒަށް އަމާޒުވީ، އަންހެނުން ހެދުން އެޅުމާ ގުޅޭގޮތުން ޑރ. އިޔާޒް ކުރެއްވި ޓުވީޓެއްގެ ސަބަބުންނެވެ. އީވާ ވިދާޅުވީ އެއީ ގައުމުގައި އަނިޔާތަކަށް ހިތްވަރު ދިނުން ކަމަށާއި އިސްލާމް ދީން ބޭނުންކޮށްގެން އުންމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަކުރުން ކަމަށެވެ.
"އަޅުގަނޑު ތި ޑރ. މުހައްމަދު އިޔާޒަށް ދަންނަވާލަން ބޭނުން ހަބަރުުދާރޭ! ހުއްޓާލާށޭ. ފަހަތަށް ޖެހޭށޭ. އަޅުގަނޑު ދަންނަވާލަން ބޭނުމީ ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރާކަށް ތި ޓުވިޓާ ހޭންޑަލް ބޭނުން ކުރިއްޔާ މި މައިކް، ގަލޮޅު އުތުރުގެ މި މައިކް އަޅުގަނޑުގެ އަތުގައި އޮތްހާ ހިނދަކު އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ދިވެހި އަންހެނުންގެ ހިމާޔަތުގައި، އެ ކުރާ ފަޟީހަތް ކުރަން، އެ ކުރާ ގޯނާ ކުރަން ދިޔަކަ ނުދޭނަމޭ. އަޅުގަނޑު މި މައިކް އިރާދަކުރެއްވިއްޔާ އޭނާއާ ދެކޮޅަށް ބޭނުންކުރާނަމޭ،" އީވާ ވިދާޅުވިއެވެ.
އީވާގެ ވާހަކަތަކަށް ރައްދުދެއްވައި ޑރ. އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ ހިމާޔަތަށް ވުރެ ބޮޑު ހިމާޔަތެއް އެހެން އެއްވެސް ދީނަކަށް އަދި އެއްވެސް ބަޔަކަށް ނުދެވޭނެކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށާއި މަޖިލިސްގެ ގޮނޑިއެއް ލިބުމަކީ މީހާގެ ސައިޒް އޮޅެންޖެހޭ ވަރު ކަމެއް ނޫން ކަމަށެވެ.
"މީހަކު ކިތަންމެ ރުޅި އައި ނަމަވެސް ކިތަންމެ ވަރުގަދަ އިންޒާރެއް ދިން ނަމަވެސް، ކިތަންމެ ބޮޑު އަނިޔާއެއް ދިން ނަމަވެސް ދީނުގައި ކަން އޮންނަ ގޮތް ރައްޔިތުންނަށް ބަޔާންކޮށްދިނުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަކަށް ނުޖެހޭނަން،" އީވާ ޓެގު ކުރައްވައި ޑރ. އިޔާޒް ވިދާޅުވިއެވެ.
އީވާ މިއަދު ވިދާޅުވީ ޖިންސީ ގޯނާއަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކާ މީހުން އެކުރަނީ ކަނޑައެޅިގެން ކުށެއް ކަމަށާއި ފާހިޝް ކަންކަމަށް މަގުފަހިވާ ދޮރުތައް ބަންދުކުރަން ޑރ. އިޔާޒް ގޮވާލައްވާނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިޔާޒް ފަދަ ބޭފުޅުން ވާހަކަ ދެއްކިޔަ ދިނުން ހުއްޓާލުން ކަމަށެވެ.
އީވާއަށް ރައްދުދެއްވައި ޑރ. އިޔާޒް ވިދާޅުވީ ދީނުގެ ކަންކަން އޮޅުންފިލުވައިދިނުމަށް ކުރާ މަސައްކަތް ހުއްޓުވޭނެ ގާނޫނެއް އަދި ގަވާއިދެއް ވެސް ނުހެދޭނެ ކަމަށެވެ.
""ތިމަންކަލޭގެފާނުގެ ފަރާތުން އެންމެ އާޔަތެއްގެ މިންވަރުވެސް އަނެކުންނަށް ފޯރުކޮށްދޭށޭ" ހަދީޘް ކުރައްވާފައިވާ ހިނދު، އެ މަސައްކަތް ހުއްޓުވަން ހެދޭނެ އެއްވެސް ގާނޫނެއް އަދި ގަވާއިދެއް ވެސް ނޯންނާނެ" އިޔާޒް ވިދާޅުވިއެވެ.
އިޔާޒް އިތުރަށް ވިދާޅުވީ ދަތުރުކުރާ ކޮންމެ އުޅަނދެއްގައި ލައިފް ޖެކެޓު ބަހައްޓަން ބުނަނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށާއި ޖިންސީ ފުރައްސާރަ ކުރުމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ވާހަކަ ބުނަނީވެސް އެ އުސޫލުން ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ޓެގް ކުރައްވައި އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކާރު ދުއްވޭނީ ދަސްކޮށް، ލައިސެންސް ނަގައިގެން ކަމަށާއި އިސްލާމް ދީނުގެ ވާހަކަވެސް ދެއްކޭނީ ދީން ދަސްކޮށްގެން ކަމަށެވެ.
"ތިމާޔަށް ނޭނގޭ ކަންކަމުގައި ބަސްބުނެ ހަނު ހުރުން އެއީ އަހުލާގީ ގޮތުން ވެސް އެންމެ ރަނގަޅު ގޮތް،" އިޔާޒް ވިދާޅުވިއެވެ.
އިޔާޒަށް ތާއީދުކުރައްވައި ޝެއިޚް އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިސް މެމްބަރެއް ނަމަވެސް ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ނަގާލައި، އިސްލާމީ ހުކުމްތަކަށް ފާޑުކިޔައި، ރީތި ޝިއާރުތަކުގެ ފަހަތަށް ވަދެ ތިބެގެން އިސްލާމްދީނުގެ އަސާސްތަކާ މަކާރިމުލް އަހްލާގް އޮޅުވާލަން މަސައްކަތް ކުރުމަަށް ޖާގަ ނުދެވޭނެ ކަމަށެވެ.
"މައިކެއް އޮތަސް އަހްލާގެއް ނެތްނަމަ ފެއިލް،" ޒައިދު ވިދާޅުވިއެވެ.