14 Jul 2020, 15:01
ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ އޮޔާދަނީ ހުޅުމާލެއާއި ޕެރަޑައިޒް އައިލެންޓް ރިސޯޓާއި ދޭތެރޭ ކަނޑުއޮޅިން ފެތިފައިވާ ދޯންޏެއް ކަމަށެވެ.
އަދި ދޯނި އޮޔާދަނީ ބޮޑުކަޅިން ނުކުމެގެން ބޭރަށް އިރުމައްޗަށްވާގޮތަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޮޔާދަނީ 60 ފޫޓުގެ ދޯންޏެވެ. އެ ދޯނީގެ ގެގަނޑުން ބައެއް ފެންމަތިން ފެންނަން ހުރި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަމެއް ދިނުމަށާއި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އެ ސަރަހައްދުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.