04 Jan 2012, 19:03
"އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން" މިނަމުގައި މުޅި ރާއްޖޭގައި ކުރި މުޒާހަރާގައި ކުރި ޑިމާންޑްތަކަށް އިޖާބަ ދިނުމުގެ ގޮތުން ބަނގުރަލުގެ ވިޔަފާރި މުޅި ރާއްޖޭގައި ހުއްޓާލަން ނޭނގީ ސަރުކާރުން އެކަމަށް ފަސްޖެހޭތީ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަނގުރަލުގެ ވިޔަފާރި ހުއްޓައިލަން އެންގުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށާއި އެކަމަކީ ރާއްޖޭގެ ރައްޔިތުންގެ މުޅި ހަޔަތާއި މުއްސަނދިކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ.
"ފަހަތަށް ޖެހޭތީ ސަރުކާރުން، ކަންބޮޑުވާތީ، އަޅުގަނޑުމެންގެ މުޅި ހަޔާތާއި މުޅި ދިރިއުޅުމާ، އަޅުގަނޑުމެންގެ މުޅި މުއްސަނދިކަން ގުޅިފައި އޮތީ ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމާ ގުޅިފައިކަމުން ސަރުކާރުން އެކަމުގައި ފިޔަވަޅެއް އަޅަން ހަމަ ފަހަތަށް ޖެހެނީ، އަދި އަޅުގަނޑު ދަންނަވާނަން، ސަރުކާރަކުން އެ ފިޔަވަޅެއް ނުވެސް އަޅާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 23 ޑިސެމްބަރުގައި ރާއްޖޭގައި ކުރި މުޒާހަރާގައި ސަރުކާރަށް ގޮވާލި ގޮވާލުންތަކާއި އެ ދުވަހުގެ މުޒާހަރާއިން ފެނުނު މަންޒަރުތަކަކީ ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިއުން ކަމަށެވެ. އެ މުޒާހަރާގެ ބައިވެރިންގެ ބޮލުގައި އަޅާފައިވާ ބޭންޑާއި މޫދުން ވުލޫ ކޮށްގެން ނަމާދުކުރި ކުރުމާއި މުޒާހަރާގެ ބައިވެރިން ތަކުބީރު ކިޔުން އެއީ ބަޔަކަށް އެހެން ގޮތަކަށް އިހުސާސް ކުރެވޭނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ބޮލުގައި ހެޑް ބޭންޑް އަޅުއްވާފައި، ﷲ އަކުބަރު ޖިހާދީ ރޫހެއްގައި ވިދާޅުވަމުން، ތޮށި މައްޗަށް އަރުއްވައި ވުލޫކުރައްވައިގެން ކުއްލިއަކަށް ބިން މައްޗަށް ތިރިވެ ނަމާދު ކުރައްވަން ފެއްޓެވީމާ ދެން އިހުސާސްތަކެއް ބަޔަކަށް އައިސްދާނެ ނޫންތޯ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އަދި ވިދާޅުވީ އެފަދަ މަންޒަރުތައް ދެއްކެވީމާ އެއީ މެދުމިން ކަމަކަށް ބަލައި ނުގަނެވޭނެ ކަމަށާއި މުޒާހަރާގައި ބަނގުރަލާއި އޫރުމަހުގެ ވިޔަފާރީގައި އިސްކޮށް އުޅުއްވާ ބޭފުޅުން ކުރީގައި ތިއްބެވުމުން އެކަން ސިފަވަނީ ދެކޮޅު ނުޖެހޭ ޑްރާމާއެއްގެ ގޮތުގައި ކަމަށެވެ.