ސްޕޯޓްސް ކައުންސިލުގެ ރައީސް ކަން ކުރައްވަމުން ގެންދަވާ، ކުޅިވަރުގެ ހިދުމަތްތެރިޔާ އިބްރާހިމް އިސްމާއިލް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 70 އަހަރުގެ އިބްރާހިމް އިސްމާއީލަށް ކޮވިޑް ޖެހިފައިވާ ކަން އެނގުނީ އިއްޔެ އެވެ. އެއީ ހުން އައުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުން ނެގި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ.

ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް ގްރޭޓާރ މާލެ ސަރަހައްދުގައި އޮތް އިރު އިބްރާހިމް އިސްމާއީލް ވެސް ވަރަށް މަދުން ނޫނީ ބޭރަށް ނުނިކުންނަކަން ވަނީ އެނގިފައެވެ. ނަމަވެސް މިމަހުގެ ހަތް ވަނަ ދުވަހު އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއި ކޮމެޓީއަށް ވަޑައިގެންފަ އެވެ. އޭނާއާ އެކު ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވެސް އިންނެވި އެވެ.

އިބްރާހިމް އިސްމާއިލަކީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސްކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ އިބްރާހިމް އިސްމާއިލް އައްޔަންކުރައްވާފައިވަނީ، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 ގައެވެ.

ރާއްޖެ އިން މިހާތަނަށް 2,762 މީހުނަށް ކޮވިޑް ޖެހިފައިވާއިރު، މިވަގުތު ފަރުވާ ދެމުން އަންނަނީ 444 މީހުނަށެވެ. އެ ބަލީގައި 13 މީހަކު ރާއްޖެ އިން ވަނީ މަރުވެފަ އެވެ.