އޯކިޑް މަގުގައި ހުންނަ ދަމާސް ކުންފުނީގެ އޮފީހުގައި ހުރި ދެ ތިޖޫރީއާއެކު ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ގެންދިޔަ މައްސަލައާ ގުޅިގެން ފަސް ދިވެހިންނާއި ބަނގުލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަމާސް އޮފީހުގެ ތިޖޫރީ ވަގަށް ގެންދިޔަ މައްސަލައާ ގުޅިގެން އެކި ދުވަސް މަތިން އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންނާބެހޭ ތަފުސީލެއް ނުދެއެވެ.

ނަމަވެސް ފުލުހުން ބުނެފައި ވަނީ ހައްޔަރު ކުރި އަށް މީހުންގެ ތެރޭ ދަމާސް ކުންފުނީގެ މުވައްޒަފެއް ވެސް ހިމެނެ އެވެ. އަދި ބުނީ އެ މައްސަލަ އާއި ގުޅިގެން ދަމާސް ކުންފުނީގެ މުވައްޒަފު ހައްޔަރުކުރީ އައްޑޫގައި އުޅެނިކޮށް މިދިޔަ ހަފުތާގެ ތެރޭގައި ކަމަށާއި އޭނާ އިއްޔެ މާލެ ގެނެސްފައިވާ ކަމަށެވެ.

މީގެ ދެ ހަފުތާ ކުރިން ދަމާސް ކުންފުނީގެ އޮފީހުގައި ހުރި ދެ ތިޖޫރީ ވަގަށް ގެންގޮސްފައިވާކަން އެނގުނީ ހަފްތާ ބަންދަށްފަހު އެ އޮފީސް ހުޅުވުމުން ނެވެ.

ދަމާސް ކުންފުނީގެ އޮފީހަށް ވަދެފައި ވަނީ ދޮރުގެ ތަޅު ހުޅުވައިގެން ކަމަށް ބެލެވޭ ކަމަށާއި އޮފީހަށް އެއްވެސް ގެއްލުމެއް ދީފައިނުވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ދެ ތިޖޫރީގައި ހުރި ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަކީ ޕެޓީ ކޭޝްގެ އިތުރުން އެ ކުންފުނީގެ ފިހާރަތަކަށް ލިބިފައި ހުރި ފައިސާ އެވެ. ފައިސާތައް ވަގަށް ގެންދިޔައިރު އެ އޮފީހުގައި ހަރުކޮށްފައި ހުރި ސެކިއުރިޓީ ކެމެރާތައް ބޭނުން ކުރަން ނުފަށާ އެވެ.