14 Jul 2020, 11:40
އިންޑިއާގެ މީހުންނަށް މިހާރަށްވުރެ އަގުހެޔޮކޮށް އިންޓަނެޓް ފޯރުކޮށްދިނުމުގެ ގޮތުން ގޫގަލްއިން ކުރިއަށް އޮތް އަހަރުތަކުގައި އިންޑިއާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ.
ގޫގަލްގެ ސީއީއޯ ސުންދަރު ޕައިޗާއީ ވަނީ އިއްޔެ ބޭއްވި ލައިވް ސްޓްރީމް އިވެންޓެއްގައި އެކަން އިއުލާންކުރައްވައިފައެވެ.
" އިންޑިއާގެ ޑިޖިޓަލް ޓެކްނޮލޮޖީ އަދި ފުރިހަމަވާން ގާތްވެސް ނުވޭ. އިންޑިއާގެ ބިލިއަނެއްހާ މީހުންނަށް އިންޓަނެޓް އަގުހެޔޮކުރަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. އެއީ އިންޑިއާގެ ހުރިހާ ބަސްތަކަށް ހިދުމަތްދީ އަދި ވިޔަވާރިވެރިންނަށް ހިދުމަތް ދިނުމުގެ ގޮތުން" ގޫގަލްގެ ސީއީއޯ ވިދާޅުވިއެވެ.
ގޫގަލް ފޯ އިންޑިއާ ޑިޖިޓަލައިޒޭޝަން ފަންޑުން ނިންމާފައިވަނީ ކުރިއަށް އޮތް ފަސް އަހަރާ ހަތް އަހަރުތެރޭ އިންޑިއާގެ ޓެކް ސެކްޓާއަށް ފައިސާ ދޫކޮށް އަދި އެކި އެކި އިންވެސްޓްމަންޓްތައް ކުރުމަށާއި ޕާޓްނާޝިޕްތައް ގާއިމްކުރުމަށް ނިންމައިފައެވެ.
އިންޓަނެޓްގެ މާކެޓްގައި އިންޑިއާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބާރަށް ކުރިއަރަމުންދާ މާކެޓެެވެ. އެގައުމުގައި 700 މިލިއަނެއްހާ މީހުން އިންޓަނެޓް ބޭނުންކުރާއިރު އަދިވެސް އިންޓަނެޓް ބޭނުންނުކުރާ އެތައް ބަޔަކު އެބަތިއްބެވެ.
ފާއިތުވި 15 އަހަރު ތެރޭގައި ގޫގަލް، ފޭސްބުކް އަދި ނެޓްފްލިކްސް އަދި ޓުވިޓާފަދަ ކުންފުނިތަކުން އިންޑިއާގައި ވަނީ ބިލިއަނުން އިންވެސްޓްކޮށްފައެވެ.--ސީއެންއެން--