ބަންދު ކުރަން އެންގި ރިސޯޓްތަކުގެ ސްޕާތައް އަލުން ހުޅުވައި އެތަން ތަނުން ޓޫރިސްޓުންނަށް ހާއްސަކޮށް ވިއްކާތަކެތި ވިއްކުމުގެ ހުއްދަދޭން ސަރުކާރުން ނިންމައިފި އެވެ.

ޑިސެމްބަރު 23 ގައި ބޭއްވި "ބޮޑު މުޒާހަރާ" ގެ ޑިމާންޓްތައް ކަމަށް ބުނެ ސަރުކާރުން ވަނީ ރިސޯޓްތަކުގެ ސްޕާތަށް ބަންދުކުރަން އަންގާ އަދި ރަލާއި އޫރުމަސް ރާއްޖޭގައި މަނާކުރަން ވިސްނަމުން ދާކަމަށް ބުނެފަ އެވެ.

އެ ކަންތައްތައް ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ކުނރުބާ މޯލްޑިވްސްގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް މިހާރު ވެސް ނޭދެވޭ އަސަރުކޮށް ރާއްޖޭގެ އިގްތިސޯދަށް ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށާއި ގާނޫނާއި ގަވާއިދާއި އެއްގޮތަށް ޓޫރިސްޓުންނަށް ދޭ ހިދުމަތްތައް ފޯރުކޮށްދީ އެމީހުންނަށް ބޭނުންވާ ތަކެތި ވިއްކުމަކީ މައްސަލައެއް ކަމަށް ސަރުކާރުން ނުދެކޭ ކަމަށެވެ.

"މިރާއްޖޭގެ އިގްތިސޯދަށް ގެއްލުންވުމަކީ ސަރުކާރުން އެއްގޮތަކަށް ވެސް އެދޭ ކަމެއް ނޫން. އެހެންވީމާ ސުޕްރީމް ކޯޓުން [އިސްތިޝާރީ ލަފާގެ] އެ މަސައްކަތް ކުރަމުން ގެންދާއިރުގައި ސަރުކާރުން ގަސްތުކުރަނީ ސްޕާތައް ވެސް އަނބުރާ ހުޅުވަން. އަދި ރާއްޖޭގައި ޓުއަރިސްޓުންގެ ހިދުމަތް ދިނުމަށް ހަދާފައި ހުންނަ ހޮޓާތަކުގައި ޣައިރު މުސްލިމުންނަށް ރާއްޖޭން އެތެރެ ކުރުން މަނާ ގާނޫނުގެ ދަށުން، އެ ގާނޫނު އެބުނާ އުސޫލުތަކުގެ މަތިން، ޣައިރު މުސްލިމުންނަށް ދެވޭ ހިދުމަތްތަކާއި ދެވޭ ތަކެތިތައް ވިއްކުމުގެ ހުއްދަ އެންމެހާ ފަރާތްތަކަށް ދޭން،" ރައީސް ނަޝީދު ވިދާޅުވި އެވެ. "ކޯޓަކުން ސަރުކާރު މަނާ ނުކުރާ ހިނދަކު ބަނގުރަލާއި އޫރުމަހާއި އެހެނިހެންވެސް ހިދުމަތްތައް ޣައިރު މުސްލިމުންނަށް ދެވޭ ހިދުމަތްތައް ވަކި ތަފާތު ކުރުމެއްނެތި ރާއްޖޭގައި ޣައިރު މުސްލިމުންނަށް ދެވޭނެ ކަމަށް،"

ސަރުކާރުން އެގޮތަށް ނިންމި ނަމަވެސް ރައީސް ވިދާޅުވީ ސްޕާތަށް ހިންގުމާއި ބަނގުރަލާއި އޫރުމަސް އަދި ޓޫރިސްޓުންނަށް ފޯރުކޮށްދޭ އެހެނިހެން ވެސް ހިދުމަތްތައް ދެވެނީ ގާނޫނާއި އެއްގޮތަށްކަން ސާފުވާން ޖެހޭ ކަމަށާއި ސުޕްރީމް ކޯޓުގައި އެކަމުގެ ލަފަޔަކަށް އެދުނީ އެހެންވެގެން ކަމަށެވެ. އަދި ވިދާޅުވީ އެއީ އިންވެސްޓަރުންނާއި ވިޔަފާރިވެރިންގެ އިތުބާރު ހޯދުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

"ސަރުކާރުން ބޭނުންވޭ ރާއްޖޭގެ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ [ށ] ގައިވާ އުސޫލުތަކަކީ ކޮބައިކަން ދެނެގަންނަން. އިސްލާމީ އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިންނޭ އަޅުގަނޑުމެންގެ ގާނޫނު އަސާސީ މި ބުނަނީ އަޅުގަނޑުމެންގެ ކަންތައްތައް ހިންގަން ޖެހެނީ އެހެންވެ އެ އުސޫލްތަކަކީ ކޮބައިތޯ ދެނެގަންނަންޖެހޭ. އެއީ ކެސިނޯ ހިންގުންކަމުގައިވިޔަސް އަދި އެހެނިހެންވެސް ހިދުމަތްތައް ދިނުން މިއީ ގާނޫނުން ކޮންކަހަލަ ކަމެއް ތޯ އެގެން ޖެހޭ ރާއްޖެ އަންނަ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް. އެ ނިންމުން މުހިންމު،" ރައީސް ވިދާޅުވި އެވެ.

ސްޕާތަށް ބަންދުކުރަން ނިންމި ނިންމުން ދިފާއުކުރައްވާ ރައީސް ވިދާޅުވީ ގިނަ ރައްޔިތުން ތަކެއް އެއްވެ ސްޕާތަކުގައި ހަށިވިއްކުމުގެ ތުހުމަތު ކުރާނަމަ އެތަނުގައި ހިނގަނީ ކޮންކަމެއްތޯ ބަލައި އެތަންތަން ރެގިއުލޭޓް ކުރުމަކީ ސަރުކާރަށް ލާޒިމް ވާނެ ކަމެއް ކަމަށާއި ސްޕާތަށް ބަންދުކުރީ އެހެންވެގެން ކަމަށެވެ.

"ސަރުކާރުން އެބަ ޔަގީންކޮށްދޭން ޖެހޭ އެފަދަ ތަންތަނުގައި ހިނގަނީ ހަށިވިއްކުން ނޫންކަމާއި އެއީ އާއިލާތަކާއިއެކު އައިސް ރަނގަޅު މާހައުލެއްގައި ހިދުމަތް ހޯދޭނެ ތަނެއްތޯ ބެލުން. ފަތުރުވެރިންނަށް އެކަމުގެ ޔަގީންކަން ވެސް ހޯދައިދޭންޖެހޭ،" ރާއްޖޭގައި ފުރަތަމަ ހުޅުވި ރިސޯޓުގައި ހުންނަވައި ރައީސް ވިދާޅުވި އެވެ.

ސްޕާތަށް ބަނދުކުރުމުން އެތަނުން ލިބޭ ޖީއެސްޓީގެ މިންވަރު މަދުވާނެ ކަމަށާއި ރާއްޖެ އަންނަ ޓޫރިސްޓުންގެ ނިސްބަތަށް ވެސް އަސަރުކުރާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

"ޖީއެސްޓީ ނެގުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އަޅުގަނޑަށް ހީވަނީ [ހ] ގެ ދޭއްގައި އެބައޮވޭ ސްޕާތަކުން ޖީއެސްޓީ ނަގާ ގޮތަށް. ރާއްޖޭގެ ގާނޫނުތަށް ވަރަށް ރަނގަޅަށް ސްޕާތަށް ބަލައި ގަނެ. ޖީއެސްޓީއަކީ ލިބޭ އެއްޗެއްގެ ތިން ޕަސެންޓް. އެހެންވީމަ ސަރުކާރުން މީގެ އަންދާޒާއެއް އޮންނާނެ."